ބައިނަލްއަޤުވާމީ ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ރިޒޮލިއުޝަންގައި ދިވެހި ފުލުހުން ސޮއިކޮށްފި

ބައިނަލްއަޤުވާމީ ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއިކުރުމުގެ ތެރެއިން
ބައިނަލްއަޤުވާމީ ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއިކުރުމުގެ ތެރެއިން ފޮޓޯ: ފުލުހުން

ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ބޮޑެތި ކުށްތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ "އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް" (އައިއައިސީއޭ) ގަރާރުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ. މި ގަރާރުގައި ސޮއިކޮށްފައިވަނީ ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި އައިއައިސީއޭގެ ފުރަތަމަ އަހަރީ ފޯރަމްގެ ތެރެއިންނެވެ.

މި ފޯރަމް ކުރިއަށްދިޔައީ ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން، އޮކްޓޫބަރު 21 އިން 23 އަށެވެ. މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ރިޒޮލިއުޝަންގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާޞިމް ޢަބްދުﷲ އެވެ. މި ފޯރަމަކީ ބައިނަލްއަޤުވާމީ ބައިވެރިންގެ ތަޖުރިބާ ހިއްސާކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމުގެ މަޤްޞަދުގައި ބޭއްވި ފޯރަމެކެވެ.

ފުލުހުން ބުނި ގޮތުގައި މި ރިޒޮލިއުޝަންގައި ސޮއިކުރުމަކީ، ރާވައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކާއި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ. މީގެއިތުރުން، މި އެލަޔަންސްގެ ދާއިމީ ޤަވާޢިދުތަކާއި އޮނިގަނޑު އެކުލަވާލެވެންދެން، މެންބަރު ޤައުމުތަކުގެ މެދުގައި ތަޙުޤީޤީ މަޢުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އުޞޫލުތައް މި ރިޒޮލިއުޝަންގައި ބަޔާންކޮށްފައިވެއެވެ.

އައިއައިސީއޭއަކީ އިންޓަރޕޯލާއި، އާސިއާނަޕޯލް އަދި ނުވަ ޤައުމަކުން އިސްނަގައިގެން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސޯލްގައި ޤާއިމުކުރި އިއްތިހާދެކެވެ. މި އިއްތިހާދުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ހިންގާ ސްކޭމް ނެޓްވޯކްތަކުން ފަރުދުންނަށާއި ޤައުމުތަކުގެ އިޤްތިޞާދަށް ދޭ ބޮޑެތި ގެއްލުންތަކުން ރައްކާތެރިވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ