ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލައިފި

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވި ސަރަހައްދު
ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވި ސަރަހައްދު

ށ.ފުނަދޫ ބަނދަރު ސަރަހައްދުގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ވަނީ އެއްކޮށް ނިއްވާލައިފައެވެ.

މި ހާދިސާގެ ސަބަބުން މުޅި ރަށުތެރެއަށް ބޯދުން ފެތުރިގެން ދިއުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށު ސްކޫލުގެ ކިޔެވުން މިއަދަށް ވަނީ މެދުކަނޑާލައިފައެވެ. މީގެއިތުރުން ފުނަދޫ ހޮސްޕިޓަލުން ދެމުން އައި އާންމު ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައި، ޚިދުމަތްތައް ވަނީ ހަމައެކަނި ކުއްލި ފަރުވާއަށް ބަދަލުކޮށްފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އުފެދުނު ދުމުގެ އަސަރުކޮށްގެން ގިނަ އަދަދެއްގެ މީހުންނަށް އަންނަނީ ފުނަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި 20 ވަރަކަށް މީހުންނަށް ފަރުވާދެމުންދާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އަދި ސީދާ އަދަދެއް ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި އަލިފާނުގެ ސަބަބުން ޕެޓްރޯލް ޝެޑް ހުންނަ ސަރަހައްދުގެ ބައެއް ގޭގޭގެ އިތުރުން ބައެއް ގަރާޖުތަކަށްވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން ފުނަދޫ އެއާޕޯޓުގެ ފަޔާ ފައިޓަރުންނާއި ކުޅުދުއްފުށި ފަޔާ ސްޓޭޝަނުގެ އެމްއެންޑީއެފް ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ