ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ތަނަކުން ދައްކާލުމުގެ ގޮތުން ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރަސްމީކޮށް އިފްތިތާހު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒަކީ އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ. މިއަހަރުގެ މައުރަޒު ކުރިއަށްދަނީ “ފިއުޗަރ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް” މި ޝިއާރުގެ ދަށުންނެވެ.
މި އަހަރުގެ މައުރަޒަށް އާންމުންނާއި ބައިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޖުމްލަ 419 ފަރާތަކުން 4,400 އަށްވުރެ ގިނަ އުފެއްދުން ވަނީ ހުށަހަޅާފައެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު އުފެއްދުންތަކުގެ އަދަދަށް ބަލާއިރު 83.5 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއް ހިމެނެއެވެ. އަދި ތައުލީމީ ދާއިރާއާއި ޖަމިއްޔާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ މައުރަޒުގައި ބައިވެރިވެފައެވެ.
ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭހެން އުފެއްދުންތައް ބަހާލެވިފައިވާއިރު، އެންމެ ގިނަ އުފެއްދުން ހުށަހަޅާފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެ ދާއިރާއިން 1,695 އުފެއްދުން ބައިވެރިކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިން ހުށަހެޅި 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ގިނަ އަދަދެއްގެ ތަކެތި ވަނީ ހުށަހަޅާފައެވެ.
ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން ބަލާލެވޭނެހެން މިއަހަރުގެ އެކްސްޕޯ ވަނީ ހާއްސަ 7 ޑިސްޓްރިކްޓަކަށް ބަހާލާފައެވެ. މީގެ ތެރޭގައި ވާދަކުރުމުގެ ބަޔަށް ހާއްސަ ޑިސްޓްރިކްޓާއި، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓްގެ އިތުރުން އެންޓަރޓައިންމަންޓް ޑިސްޓްރިކްޓް ހިމެނެއެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ މާކެޓްޕްލޭސް ޑިސްޓްރިކްޓާއި، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް އަދި ބައިނަލްއަގްވާމީ ފަރާތްތަކަށް ހާއްސަ އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓްވެސް ގާއިމުކޮށްފައިވެއެވެ.
މި މައުރަޒުގެ ވާދަކުރުމުގެ ބައިން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް 298 އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ތަފާތު ދާއިރާތަކުން އެއްވަނައަށް ދިޔަ 116 ފަރާތަކާއި، ދެވަނައަށް ދިޔަ 95 ފަރާތާއި، ތިންވަނައަށް ދިޔަ 82 ފަރާތުގެ އިތުރުން އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" އެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ 76 އެވޯޑު ހާސިލުކޮށްފައެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި މައުރަޒަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ އިގްތިސާދެއް އޮތް ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.