ގދ. ތިނަދޫގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން މުޙައްމަދު ޞާލިޙު އަޙްމަދު (26އ)، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ)، ނަޖުމުﷲ ޙަސަން (35އ) އަދި އަޙްމަދު ނޫޙު ނިޔާޒު (20އ) ބަންދުކުރުމަށް ކޯޓުން ދީފައިވަނީ 5 ދުވަހުގެ މުއްދަތެކެވެ. މީގެއިތުރުން މުޙައްމަދު މައިސަން ޝިޔާޒު (21އ) 10 ދުވަހަށް، ޢާޒިމް މުފީދު (24އ) 15 ދުވަހަށް، އަދި އަޙްމަދު ޞާނިޖު ޞާދިޤު (32އ) 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއެވެ. މި މައްސަލައިގައި ހައްޔަރުކުރި އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވަނީ 90 ދުވަހުގެ މުއްދަތަށެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުޅާދާއިރާއެއްގައި ކުރިއަށްގެންދިއުމަށްޓަކައި މާލެއިން ޚާއްޞަ ތަޙުޤީޤީ ޓީމެއް ތިނަދޫގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުންނަށް މި މައްސަލަ އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއީ 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް، މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެކްސްޕްލޮއިޓްކޮށްފައިވާ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.