ދިވެހިރާއްޖޭގެ ތާރީޚުގައި ދިވެހިންގެ ފަންނުވެރިކަމާއި އުފެއްދުންތެރިކަން އެއްތަނަކުން ފެންނާނެ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ ހަރަކާތް "މޯލްޑިވްސް އެކްސްޕޯ 2026" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންގެ ހުނަރު މުޅި ދުނިޔެއަށް ދައްކާލުމަށް ހުޅުވާލެވުނު މުހިންމު ޕްލެޓްފޯމެކެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މީސްމީޑިއާގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، މިއަހަރުގެ އެކްސްޕޯގައި 439 ދިވެހި ހުނަރުވެރިންނާއި ފަންނުވެރިން ބައިވެރިވެ، 4,400 އަށްވުރެ ގިނަ އުފެއްދުން ވަނީ ހުށަހަޅާފައެވެ. މިއީ ދިވެހިންގެ އާދަޔާޚިލާފު މަސައްކަތްތެރިކަމާއި އީޖާދީ ޚިޔާލުތައް ތަފާތު ދާއިރާތަކުން ފެނިގެންދާނެ އުންމީދީ މައުރަޒެކެވެ.
މި މައުރަޒު މިއަހަރު ކުރިއަށްދަނީ ޖުމްލަ 7 ޑިސްޓްރިކްޓަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި މައުރަޒު ޑިސްޓްރިކްޓް، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް ޑިސްޓްރިކްޓް، އެންޓަޓެއިންމެންޓް ޑިސްޓްރިކްޓް އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓް ހިމެނެއެވެ. މީގެ އިތުރުން މިއަހަރު މުޅިން އަލަށް ވަނީ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަކާއި އިންޓަރނޭޝަނަލް ޑިސްޓްރިކްޓެއް ވެސް ތަޢާރަފުކޮށްފައެވެ.
އަލަށް ތަޢާރަފުކުރި ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ޤާއިމުކުރި ބަޔެކެވެ. އަދި އިންޓަރނޭޝަނަލް ޑިސްޓްރިކްޓް ޚާއްޞަކޮށްފައިވަނީ ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމުކޮށްފައިވާ އަދި މަޝްވަރާކުރަމުންދާ ޤައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ދައްކާލުމަށެވެ.
މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިވި މި މައުރަޒުގައި މިއަހަރު ބައިވެރިވި ފަރާތްތަކުގެ އަދަދު 430 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، މައުރަޒު ބަހާލެވިފައިވާ ޑިސްޓްރިކްޓްތަކުގެ އަދަދުވެސް ވަނީ 5 އިން 7 އަށް އިތުރުވެފައެވެ. މުޅި ހުޅުމާލޭ ސެންޓްރަލް ޕާކު އެއްކޮށް ބޭނުންކޮށްގެން ކުރިއަށްދާ މި މައުރަޒު އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.