އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އެ ގައުމަށް ފުރާވަޑައިގެންފިއެވެ. މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 27 އިން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އަހަރުގެ ފޯރަމް ކުރިއަށްދަނީ ބައިނަލްއަގުވާމީ މައިދާނުގައި ސަގާފީ ގުޅުންތައް ބަދަހިކުރުމާއި، އެކަކު އަނެކަކަށް އިހުތިރާމްކުރުން އިތުރުކުރުމުގެ މަގުސަދުގައެވެ. މި ބައްދަލުވުމުގައި އެކި ގައުމުތަކުގެ ވަޒީރުންނާއި، ސަގާފީ ދާއިރާގެ މާހިރުންގެ އިތުރުން ދީނީ އިލްމުވެރިންނާއި ޒުވާނުންގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ފޯރަމްގެ ފުރަތަމަ ދުވަހު ވަޒީރު ހީނާ ވަލީދު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެއެވެ. އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ 3 ވަނަ ހައި-ލެވެލް ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ހާއްސަ ސެޝަންގައިވެސް ވަޒީރު ތަގުރީރު ކުރައްވާނެއެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ސަގާފީ މަޝްވަރާތައް ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.
މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށާއި، ބަހާއި ޑިޖިޓަލް ދާއިރާއިން އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ މަންސައެއްގައި ހާމަކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މީގެ އިތުރުން، އެކި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށްވެސް މިއީ މަގުފަހިވެގެންދާނެ ކަމެކެވެ.