ޖިސްމާނީ ނުވަތަ ނަފްސާނީ ހާލަތުގެ ސަބަބުން ސްކޫލަށް ގޮސްގެން ކިޔެވުމަށް އުޒުރުވެރިވާ ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވޭނެ އުސޫލެއް ނުވަތަ "ހޯމް-ސްކޫލިން" ތައާރަފުކުރުމަށް ތައުލީމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ.
މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ކުއްޖާގެ ހާއްސަ އެހީއަށް ބޭނުންވާ މިންވަރާއި ނަފްސާނީ ހާލަތަށް ބަލައި ހަދާ އެސެސްމެންޓްތަކުގެ މައްޗަށް ބިނާކޮށް، ދިރިއުޅޭ ގޭގައި މަދުރަސީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން، ހޯމް-ސްކޫލިން ޕްރޮގްރާމުގެ ދަށުން ކިޔަވައިދިނުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު ސާފުކޮށް ބަޔާންކޮށް، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން ހިމެނެއެވެ.
ބިލުގައިވާ ގޮތުން މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުދިންނަށް ހޯމް-ސްކޫލިންގެ ފުރުސަތު ލިބޭނީ މައިގަނޑު ތިން ޝަރުތެއް ފުރިހަމަވުމުންނެވެ. އެއީ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުން، ނުވަތަ އެނޫންވެސް ހާއްސަ ހާލަތެއް މެދުވެރިވެގެން ސްކޫލަށް ހާޒިރުވެގެން ކިޔެވުމަށް ނުކުޅެދިފައިވުމެވެ. މީގެ އިތުރުން، ކުއްޖާގެ ބެލެނިވެރިންނަކީ އެ ޕްރޮގްރާމްގެ ދަށުން ތައުލީމު ފޯރުކޮށްދިނުމުގެ މާލީ ގާބިލުކަން ހުރި ބަޔަކަށް ވާންޖެހޭނެއެވެ. އަދި އެ ކުއްޖާއަކީ ރަސްމީ ސްކޫލެއްގައި ރަޖިސްޓަރީވެފައިވާ ކުއްޖަކަށް ވާންޖެހެއެވެ.
ހޯމް-ސްކޫލިންއަށް ޝަރުތުހަމަވާ ކުދިން ކަނޑައެޅުމަށް ހަދާ އެސެސްމެންޓްތަކާއި، ރަޖިސްޓަރީކުރުމާއި، ކިޔަވައިދޭނެ ޕްލޭންތަކާއި މުދައްރިސުންގެ ޝަރުތުތައް ކަނޑައެޅުމުގެ ބާރު ތައުލީމީ ވުޒާރާއަށް ލިބިދެއެވެ. އަދި ހޯމް-ސްކޫލިންގެ އުސޫލުންވެސް ކިޔަވައިދިނުމަށް ނުކުޅެދޭ ފަދަ އުނދަގޫ މައްސަލަތަކެއް ހުންނަ ކުދިންނަށް ރަސްމީ ތައުލީމު ދިނުން ލާޒިމުނުވާ ގޮތަށް ގާނޫނަށް ބަދަލުތައް ގެނައުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅާފައެވެ.