ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ބަލައިގަނެ، އެ ބިލު ދިރާސާކުރުމަށް އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ 54 މެންބަރުންގެ ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރަކު ވޯޓު ދެއްވިއެވެ. މަޖިލީހުން ބިލު ބަލައިގަތުމާ ގުޅިގެން، އިތުރަށް ދިރާސާކޮށް ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ އިގްތިސާދީ ކޮމިޓީގައި ފަށާފައެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާ ޓެކްސްގެ އަދަދުތަކާމެދު ހިތްހަމަނުޖެހިގެން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ހާލަތްތަކުގައި، މައްސަލަ ހުށަހެޅުމުގެ ކުރިން އިއުތިރާޒުކުރާ އަދަދުގެ ވަކި އިންސައްތައެއް މީރާއަށް ދައްކަންޖެހޭ ގޮތަށް ގާނޫނީ އުސޫލުތައް ސާފުކުރުމެވެ. އެގޮތުން، ވަކި ހާލަތްތަކެއްގައި އިއުތިރާޒުކުރާ އަދަދުގެ 100 އިންސައްތަ ދައްކަންޖެހޭ ގޮތަށް ބިލުގައި ވަނީ ހުށަހަޅާފައެވެ.
ބިލުގައިވާ ގޮތުން، ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދަކާ މެދު އިއުތިރާޒުކޮށް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނީ، އިސްތިއުނާފުކުރާ އަދަދުގެ މަދުވެގެން 50 އިންސައްތައާ އެއްވަރުގެ އަދަދެއް މީރާއަށް ދައްކައި ހަލާސްކުރުމަށްފަހުގައެވެ. މީގެ އިތުރުން 100 އިންސައްތަ ދައްކަންޖެހޭ ހާލަތްތަކުގެ ތަފްސީލުވެސް ބިލުގައި ހިމަނާފައިވެއެވެ.
މީރާއިން ކަނޑައަޅާ އަދަދުގެ ނަތީޖާއަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ކުރިއަށް ހުރި ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭނެ ގެއްލުމުގެ އަދަދު ކުޑަވުން ކަމަށްވާނަމަ، އެ ކުޑަވި ގެއްލުމުގެ މިންވަރާ ގުޅިގެން މައްސަލަ އިސްތިއުނާފުކުރުމަށް މީރާއަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އިސްތިއުނާފުކުރާ އަދަދުގެ 50 އިންސައްތަ ނުވަތަ 100 އިންސައްތަ ހިސާބުކުރާނީ މީރާއިން ކަނޑައަޅާފައިވާ ޓެކުހުގެ އަދަދާ ގުޅިގެން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓަރެސްޓެއް ނުހިމަނައި ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވައިލައި ގެޒެޓުގައި ޝާއިއުކުރަންޖެހޭނެއެވެ.