ދިވެހި މުޖުތަމައުގެ މަންފާއަށާއި ގައުމީ ތަރައްގީއަށް އަންހެނުން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ކޮންމެ އަހަރަކުވެސް ދެމުންއަންނަ "ރެހެންދި އެވޯޑު" އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 10 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި މުއްދަތުގެ ތެރޭގައި އެވޯޑަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.
މި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން އަދާކުރާ މުހިންމު ދައުރާއި، މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުން ކުރިއެރުވުމަށް ވަކިވަކި ފަރުދުންނާއި މުއައްސަސާތަކުން އަދި ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ މަގުސަދުގައި ދެވޭ އެވޯޑެކެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަކިވަކި އަންހެނުންނަށާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވަނީ ދީފައެވެ. އަދި އަމިއްލައަށް ނަން ހުށަހެޅުމުގެ އިތުރުން، އެހެން ފަރާތަކުންވެސް އިނާމަށް ނަން ހުށަހެޅިދާނެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނަން، އެ ކޮމިޓީއަކުން އަމިއްލައަށް ނުވަތަ އެ ކޮމިޓީ ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގެ ލޯކަލް ކައުންސިލުން ނުވަތަ އެހެން ފަރާތަކުންވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
ރެހެންދި އެވޯޑަށް ނަން ހުށަހެޅޭނީ ކޮންމެ ފަރާތަކަށްވެސް އެއް ދާއިރާއަކުންނެވެ. ވަކިވަކި އަންހެނުންނާއި ޖަމިއްޔާތަކަށް އިނާމު ދެވޭ ދާއިރާތަކުގެ ތެރޭގައި ލީޑަރޝިޕް އަދި ގަވަރނަންސް، އިގްތިސާދީގޮތުން ބާރުވެރިކުރުވުން، އިޖުތިމާއީގޮތުން ބާރުވެރިކުރުވުން، އަދި އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ ނޮން-ޓްރެޑިޝަނަލް ރޯލުތައް ހިމެނެއެވެ.
އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ ހުށަހަޅާ ލިޔެކިޔުންތަކާއި، ކޮށްފައިވާ މަސައްކަތްތަކުގެ އިތުރުން އިންޓަވިއުއަށް ބެލުމަށްފަހު، ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީންނެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ރެހެންދި އެވޯޑު އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ.