ސަރުކާރުގެ 2040ގެ ތަސައްވުރުގެ ދަށުން އިންވެސްޓްކުރުމަށް ޗައިނާގެ ވިޔަފާރިވެރިންނަށް ރައީސް ދައުވަތު ދެއްވައިފި

ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ ފޮޓޯ: ރައީސް އޮފީސް
ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ އަދި ފުދުންތެރި ގައުމަކަށް ހެދުމަށް ސަރުކާރުން އެކަށައަޅާފައިވާ "ވިޝަން 2040" ގެ ދުރުރާސްތާ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި، ރާއްޖޭގައި ހުރި ފުރުސަތުތަކުގެ ބޭނުންހިފައި އިންވެސްޓްކުރުމަށް ޗައިނާގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުވަތު އަރުވައިފިއެވެ. އެމަނިކުފާނު މި ދައުވަތު ދެއްވީ "މޯލްޑިވްސް އެކްސްޕޯ 2026" އާ ގުޅުވައިގެން ބޭއްވި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ މިހާރު ދަތުރުކުރަމުން ދަނީ ގައުމީ ތަރައްގީގެ ތާރީހީ އާ މަރުހަލާއެއްގައިކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އެންމެ އިސް އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަކީ ފުދުންތެރި ދައުލަތަކަށް ހެދުން ކަމަށާއި، މި ލަނޑުދަނޑި ހާސިލުކުރެވޭނީ އިގްތިސާދު ސިންދަފާތުކޮށް، ބައިނަލްއަގްވާމީ އިންވެސްޓަރުންނާއެކު އޮންނަ ބައިވެރިވުން މިހާރަށްވުރެ ހަރުދަނާކޮށްގެން ކަމަށް ވިދާޅުވިއެވެ.

ވޭތުވެދިޔަ ސާޅީހަކަށް އަހަރު ދުވަހު އަމަލުކުރަމުން އައި ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ ގާނޫނު އުވާލައި، ޒަމާނާ އެކަށޭނަ އައު ގާނޫނެއް ތައާރަފުކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ސިޔާސަތުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުން ކަމުގައެވެ. އަދި ޒިންމާދާރު އަދި ދެފަރާތަށް ފައިދާހުރި އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެފަދަ ފަރާތްތަކަށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރާއްޖެއިން އިންވެސްޓްމަންޓްތަކަށް ހާއްސަ އިސްކަމެއްދޭ ދާއިރާތަކުގެ ތެރޭގައި، އިއާދަކުރަނިވި ހަކަތަ، ކާބޯތަކެތީގެ ރައްކާތެރިކަން، ލޮޖިސްޓިކްސް، މަސްވެރިކަމުގެ އުފެއްދުންތަކުގެ އަގު އެއްކުރުން، ޑިޖިޓަލް ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސިއްހީ އަދި މާލީ ހިދުމަތްތައް، އަދި ސްމާޓް އިންފްރާސްޓްރަކްޗަރާއި ދެމެހެއްޓެނިވި ގޮތުގައި ސިޓީތައް ބިނާކުރުން ހިމެނެއެވެ. އުމްރާނީ ތަރައްގީއާއި ޒަމާނީ އީޖާދުތަކުގައި ޗައިނާއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކަށް ބަލާއިރު، މި ދާއިރާތަކުން ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމަށް އެންމެ އެކަށޭނަ އެއް ބައިވެރިޔަކީ ޗައިނާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއިން އެދެނީ ހަމައެކަނި މާލީ އިންވެސްޓްމަންޓްތަކެއް ނޫން ކަމަށާއި، އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އައު ސިނާއަތްތައް އުފެދި، ދިވެހިންގެ ފަންނީ ގާބިލުކަން އިތުރުވެ، ވަޒީފާގެ އައު ފުރުސަތުތައް ފަހިވެގެން ދިއުން ކަމަށެވެ. އަދި މި ފޯރަމަކީ ހަމައެކަނި މަޝްވަރާއަކަށް ނުހަދައި، އަމަލީ ގޮތުން ނަތީޖާ ނެރެދޭނެ މުހިންމު މަޝްރޫއުތަކަކަށް މަގުފަހިކުރާ ތާރީހީ ފެށުމަކަށް ހެދުމަށް ދެ ގައުމުގެ ވިޔަފާރިވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ