ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ރަށްރަށުގެ ކައުންސިލަރުންގެ މުސާރައަށް ބަދަލު ގެނެސް، އެ ފަރާތްތަކުގެ އިނާޔަތްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ރިޕޯޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.
މި ރިޕޯޓު ފާސްކުރަން މަޖިލީހުގެ ޖަލްސާގައި ވޯޓު ދެއްވީ ހާޒިރުވެ ތިއްބެވި 55 މެންބަރުންގެ ތެރެއިން 42 މެންބަރުންނެވެ. އެއީ ޕީއެންސީގެ މެންބަރުންގެ އިތުރުން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 12 މެންބަރުން ވޯޓު ދެއްވީ މުސާރަ ބޮޑުކުރުމާ ދެކޮޅަށެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މުސާރައަށް އިތުރު 22،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ. ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވި އަދި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ތާއީދު ކުރެއްވި މި ހުށަހެޅުމާއެކު، މަޖިލިސް ރައީސްގެ މުސާރަ 73،125 ރުފިޔާއިން 95،125 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ. އިދާރީ މޭޒުން ބުނި ގޮތުގައި މި ބަދަލަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި މެންބަރުންގެ މުސާރައިގެ މެދުގައި ހުރި ފަރަގު ހަމަހަމަކުރުމަށް ގެނެވުނު އިސްލާހެކެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 58،500 ރުފިޔާއިން 75،500 ރުފިޔާއަށް ބޮޑުކުރުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ވަޒީރުންގެ މުސާރަ ބޮޑުކޮށްފައިވަނީ އެބޭފުޅުންގެ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެނެސްގެންނެވެ. އެގޮތުން ޕެޓްރޯލް އެލަވަންސް 2،000 ރުފިޔާއަށް، ޑްރައިވަރުގެ މުސާރަ 12،000 ރުފިޔާއަށް އަދި ލިވިން އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ހިމަނައި، ޖުމްލަ ޕެކޭޖު 17،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. ކޮމިޓީން ފާހަގަކުރި ގޮތުގައި 2024 ވަނަ އަހަރު ގެނައި މުސާރައިގެ އޮނިގަނޑާއެކު މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ މުސާރަތަކާ އަޅާބަލާއިރު ވަޒީރުންގެ މުސާރަ ކުޑަކަމަށް ފާހަގަކުރެވިފައިވެއެވެ.
ރަށްރަށުގެ ރަށު ކައުންސިލަރުންގެ އިނާޔަތަށް 5،000 ރުފިޔާގެ އިތުރު އެލަވަންސެއް ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ. މި ބަދަލާއެކު ރަށު ކައުންސިލްގެ ރައީސުންގެ މުސާރަ 30،500 ރުފިޔާއަށް، ނައިބު ރައީސުންގެ މުސާރަ 25،000 ރުފިޔާއަށް އަދި ކައުންސިލް މެންބަރުންގެ މުސާރަ 23،000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.
މި ބަދަލުތަކާ ދެކޮޅަށް ކޮމިޓީ މަރުހަލާގައި ވާހަކަައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ދުނިޔޭގެ އިގްތިސާދީ މަސްރަހު މިވަގުތު އޮތް ގޮތުން މިފަދަ ބަދަލެއް ގެނައުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ.