އުއްތަމަފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް 95،000 ރުފިޔާއަށް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: މަޖިލިސް

އުއްތަމަފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް ޖުމްލަ 95،000 ރުފިޔާ އަށްވުރެ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. މި ބަދަލު ފާސްކުރީ އުއްތަމަފަނޑިޔާރުގެ މުސާރައިގެ އޮނިގަނޑު މުރާޖައާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފާސްކުރި ކުރުމާ ގުޅިގެންނެވެ.

މާލިއްޔަތު ކޮމިޓީގައި މި އިސްލާހު ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރައާއި އުއްތަމަފަނޑިޔާރުގެ މުސާރަ އެއްހަމައެއްގައި ބެހެއްޓުމެވެ.

މިހާތަނަށް އުއްތަމަފަނޑިޔާރަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 91،000 ރުފިޔާއެވެ. ނަމަވެސް، ކޮމިޓީން ނިންމި ނިންމުމާއެކު އިތުރު 4،125 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު، އުއްތަމަފަނޑިޔާރަށް ޖުމްލަ މުސާރައާއި އިނާޔަތުގެ ގޮތުގައި 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި މި ރިޕޯޓު ފާސްކުރުމަށް 40 މެންބަރުން ވޯޓު ދެއްވިއެވެ. މި ނިންމުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 12 މެންބަރަކު ވޯޓު ދެއްވާފައިވާއިރު، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 55 މެންބަރުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ