ހައްޖު ކޯޕަރޭޝަންގެ 2027 ވަނަ އަހަރުގެ އުމްރާ ކަލަންޑަރު އިއުލާނުކޮށް، ފުރުސަތު ހުޅުވާލައިފި

ދިވެހި ޢުމްރާވެރިން މައްކާގައި. ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން
ދިވެހި ޢުމްރާވެރިން މައްކާގައި. ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރިއަށް އޮތް އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރުތަކުގެ ކަލަންޑަރު ރަސްމީކޮށް އިއުލާނުކޮށް، އެ ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ. އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، އަންނަ އަހަރުގެ އުމްރާ ދަތުރުތައް ތާވަލުކޮށްފައިވަނީ ދިރާސީ އަހަރުގެ ކަލަންޑަރަށާއި ސްކޫލް ބޮޑު ޗުއްޓީތަކަށް ރިއާޔަތްކޮށް، އާއިލާތަކަށް އެންމެ ފަސޭހަވާނެ ދުވަސްވަރުތަކަށް އިސްކަންދީގެންނެވެ.

އާންމުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން ރަމަޟާން މަހުގެ އުމްރާ ދަތުރުގެ އިތުރުން ޖުލައި، ސެޕްޓެމްބަރު އަދި ޑިސެމްބަރު މަހުވެސް އުމްރާ ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި ހިނގާ އަހަރާ އަޅާބަލާއިރު އަންނަ އަހަރުގެ އުމްރާ ޕެކޭޖުތަކުގެ އަގުތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން ޖުލައި އަދި ސެޕްޓެމްބަރު މަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 30،965 ރުފިޔާއެވެ. އަދި އަހަރުގެ ފަހު އުމްރާ ކަމުގައިވާ ޑިސެމްބަރު މަހުގެ ޕެކޭޖުގެ އަގު ހަމަޖެހިފައިވަނީ 31،965 ރުފިޔާއަށެވެ.

އުމްރާވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން، ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހު ފަނަރައިގެ އުމްރާ ދަތުރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ޖިއްދާއަށް ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ބޮޑެތި ޗުއްޓީތަކާ ދިމާކޮށް ގަމުން ސީދާ ދަތުރުތައް ބޭއްވުމަށް އަމާޒުހިފާފައިވާއިރު، އުމްރާއަށް ދާ ފަރާތްތަކަށް އިތުރު އަގަކާ ނުލައި އެމީހަކު ދިރިއުޅޭ ރަށަކާ އެންމެ ކައިރި ސިއްހީ މަރުކަޒުން ވެކްސިން ޖެހޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ.

ހައްޖު ކޯޕަރޭޝަންގެ އުމްރާ ޕެކޭޖުގެ ދަށުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. ދަތުރުގެ ތެރޭގައި ސީދާ ފްލައިޓް ދަތުރުތަކާއި، ފެންވަރު ރަނގަޅު ހޮޓާތަކުގައި ތިބުމުގެ އިންތިޒާމުގެ އިތުރުން، އުމްރާ ކިޓް ހިލޭ ފޯރުކޮށްދެވޭނެއެވެ. އަދި މަދީނާގައި ހޭދަކުރާ 3 ރޭގެ އިތުރުން މައްކާއާއި މަދީނާއާ ދެމެދު ހައިސްޕީޑް ރޭލުގައި ދަތުރުކުރުމާއި، ލޯންޑްރީ ހިދުމަތާއި، ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކްލިނިކާއި ފާމަސީގެ ހިދުމަތް ހިމެނެއެވެ. މީގެ އިތުރުން އުމްރާވެރިންގެ ރައްކާތެރިކަމަށްޓަކައި ލޮކޭޝަން ޓްރެކިން ޑިވައިސް އަދި ބަގީގެ ހިދުމަތްވެސް ފޯރުކޮށްދޭނެއެވެ.

ކޮންމެ ދަތުރަކަށްވެސް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ކަމަށްވާތީ، އުމްރާއަށް ދިއުމަށް އެދޭ ފަރާތްތަކުން ހައްޖު ކޯޕަރޭޝަންގެ "ފަހެލި" ޕޯޓަލް މެދުވެރިކޮށް ނުވަތަ ރަސްމީ ވެބްސައިޓުން ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އެ ކޯޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް އިތުބާރުހުރި އަދި ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ