މޯލްޑިވްސް ޒަކާތު ހައުސްގެ ފުރަތަމަ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި

ޒަކާތު ހައުސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޒަކާތު ހައުސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ޒަކާތު ހައުސްގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ޒަކާތުގެ ނިޒާމު ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވައިލި އެ އިދާރާގެ ފުރަތަމަ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (2026–2028) ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕްލޭން އިފްތިތާހުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ބޭއްވި ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް "އިންޒެކް 2026" ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ކުރިއަށް އޮތް ތިން އަހަރަށް އެކުލަވައިލި މި މަގުޗާޓަކީ ޒަކާތުގެ އިދާރީ ހިންގުން ޒަމާނީ ކުރުމަށާއި، ޒަކާތް ބަލައިގަންނަ ނިޒާމު ފުޅާކުރުމުގެ އިތުރުން، އުފެއްދުންތެރި ޒަކާތުގެ ޕްރޮގްރާމްތައް މެދުވެރިކޮށް އިދާރީ ގާބިލުކަން އިތުރުކުރުމަށް އެކުލަވައިލެވިފައިވާ މުހިންމު އޮނިގަނޑެކެވެ. އިޖުތިމާއީ ރައްކާތެރިކަމާއި އިގުތިސާދީ ފުދުންތެރިކަން ކުރިއެރުވުމަށް އަމާޒުކޮށް އެކުލަވައިލި މި ޕްލޭނުގައި މައިގަނޑު ހަތަރު ދާއިރާއަކަށް އިސްކަންދީފައިވާއިރު، އެ ކަންކަން ހާސިލުކުރުމަށް ނުވަ ސްޓްރެޓީޖިކް ލަނޑުދަނޑިއެއް ވަނީ ކަނޑައަޅައިފައެވެ.

މި ޕްލޭނުގެ މައިގަނޑު އަސާސަކީ އިދާރާގެ ހިންގުމުގެ އުސޫލުތަކާއި މާލީ ހިސާބުތައް ގަވާއިދުން އާންމުކޮށް، އިތުބާރާއި ދެފުށް ފެންނަ މިންވަރު މަތިކުރުމެވެ. މީގެއިތުރުން، 2028 ވަނަ އަހަރުގެ ނިޔަލަށް ހޭލުންތެރިކުރުމުގެ ހަރަކާތްތައް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ މަދުވެގެން 25 އިންސައްތައަށް މައުލޫމާތު ފޯރުކޮށްދިނުމަށާއި، އަމިއްލަ އިސްނެގުމުގައި އަލަށް ޒަކާތް ދައްކާ ފަރާތްތަކުގެ ނިސްބަތް 20 އިންސައްތައަށް އިތުރުކުރުމަށް ވަނީ އަމާޒުހިފާފައެވެ.

ވިޔަފާރިތަކާއި، ކުންފުނިތަކުގެ އިތުރުން ޒުވާން ޕްރޮފެޝަނަލުންނަށް ހާއްސަކޮށްގެން މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު އަހަރަކު 10 އިންސައްތަ އިތުރުކުރުމަށް މި ޕްލޭނުގައި ވަނީ ހިމަނައިފައެވެ. އަދި 2028 ގެ ތިންވަނަ ކުއާޓަރާ ހަމައަށްދާއިރު، ޖުމްލަ ޒަކާތުގެ މަދުވެގެން 25 އިންސައްތައަކީ ވިޔަފާރިތަކުން ލިބޭ ޒަކާތް ކަމުގައި ހެދުމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަށްޓަކައި "ދާރުލް އަރުގަމް" އަދި "ދާރުއްސަލާމް" ފަދަ ވަގުފު ރިއަލް އެސްޓޭޓް މަޝްރޫއުތައް ތަރައްގީކުރުންވެސް މި ޕްލޭނުގައި ހިމެނެއެވެ.

ޒަކާތުގެ އެހީ ލިބޭ ފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ބަޔަކަށް ހެދުމަށްޓަކައި، އެ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، އުފެއްދުންތެރި މަސައްކަތްތަކަށް މަގުފަހިކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވައިލުމަށް ވަނީ ނިންމައިފައެވެ. މިގޮތުން، 2028 ގެ ނިޔަލަށް ދިގު މުއްދަތަކަށް އެހީ ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން 15 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ ނިސްބަތެއް، އަމިއްލަ ފުދުންތެރިކަން ހާސިލުކޮށް، އަމިއްލައަށް ޒަކާތް ދައްކާ ފެންވަރަށް ބަދަލުކުރުމަކީ މި ޕްލޭނުގެ މުހިންމު ލަނޑުދަނޑިއެކެވެ.

ޒަކާތު ހައުސްގެ ޚިދުމަތްތައް އަވަސް އަދި ފަސޭހަކުރުމުގެ ގޮތުން، 2027 ގެ ނިޔަލަށް މައިގަނޑު ހުރިހާ މަސައްކަތްތަކެއް ޑިޖިޓަލައިޒް ކުރުމަށާއި، 2028 އާ ހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު 30 އިންސައްތަ ކުޑަކުރުމަށް ވަނީ ރާވައިފައެވެ. މީގެއިތުރުން، އިދާރީ މައި އޮފީސް އިމާރާތެއް ގާއިމުކުރުމާއި، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ޔުނިވަރސިޓީތަކާއި ބައިނަލްއަގުވާމީ ޒަކާތުގެ އިދާރާތަކާ ގުޅިގެން އިލްމީ ދިރާސާތައް ފުޅާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ