ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށް، ލިޔެކިޔުންތައް ބަދަލުކޮށްފިއެވެ. މި އެއްބަސްވުންތަކަކީ ދެ ޤައުމުގެ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައްވެސް ހިމެނޭހެން ވެވުނު އެއްބަސްވުންތަކެކެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ "މޯލްޑިވްސް ބިޒްނަސް އެކްސްޕޯ" ގެ ހަވާސާގައި ބޭއްވުނު "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިންނެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުވާއެވެ.
މި ފޯރަމްގެ ތެރެއިން އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް އަދި ސަންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާ ދެމެދު ވަނީ އެއްބަސްވުމެއް ވެފައެވެ. އަދި ދިރާސާކުރުމާއި، އީޖާދީ އުފެއްދުންތަކާއި، ތަމްރީނު ދިނުމުގެ އިތުރުން ދަނޑުވެރިކަމާ ގުޅޭ ޑެމޮންސްޓްރޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މީގެއިތުރުން، މަސްވެރިކަމުގެ ދާއިރާއިން ގަނޑުކުރި މަސް ޗައިނާއަށް އެކްސްޕޯޓް ކުރުމަށްޓަކައި މިފްކޯއާއި ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު އެއްބަސްވުމެއް ވެވުނުއިރު، މަހުގެ އުފެއްދުންތައް ފުޅާކުރުމަށް ހޮރައިޒަން ފިޝަރީޒުންވެސް ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ ރާއްޖެއަށް އެތެރެކުރުމުގައި ފަސޭހަތައް ހޯދުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިންވެސް ވަނީ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ވިޔަފާރީގެ އިތުރު ފުރުޞަތުތައް ފަހިވެ، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.