ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ތަފާތު ތަކެތި ވިއްކާކަމަށް ބުނެ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، ޢަލީ ޢައްފާން (32އ) އާއި، ނ. ހޮޅުދޫ، ޕްލާޒާ، މުޙައްމަދު ޙަމީދު (34އ) ގެ އިތުރުން ނ. ވެލިދޫ، ވީނަސް، ޙައްސާނު ޢަލީ (34އ) އެވެ.
ފުލުހުން ދިން މަޢުލޫމާތުގައިވާ ގޮތުން ޙައްސާނު ޢަލީ ހައްޔަރުކުރީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ދިމާވި މީހަކަށް ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ، އޮޅުވާލައިގެން 30,000 ރުފިޔާ އަތުލާފައިވާ މައްސަލައެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 25 ވަނަ ދުވަހު ނ. ވެލިދޫއިންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކުރައްވާފައެވެ.
މީގެއިތުރުން ޢަލީ ޢައްފާން އާއި މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައިވަނީ އޮގަސްޓު މަހުގެ 7 ވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސްގައި އިންޖީނެއް ވިއްކާކަމަށް ބުނެ އޮޅުވާލައިގެން 30,000 ރުފިޔާ އަތުލި މައްސަލައެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން އޮކްޓޫބަރު 24 ވަނަ ދުވަހު ނ. ހޮޅުދޫއިން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް ދެއްވާފައެވެ.
މަކަރާއި ހީލަތް ހެދުމުގެ މި ދެ މައްސަލަވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.