ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ފަހުމުނާމާއެއް (އެމްއޯޔޫ) ގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ހަވާސާގައެވެ. މިފްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު އަނަސްއެވެ. ސައިނޯމެކް ހައިނާންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯއެވެ.
މި އެއްބަސްވުމުގެ ދަށުން، ޗައިނާގެ ބާޒާރުގައި ހުރި ވިޔަފާރީގެ ފުރުޞަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަށް ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރާނެއެވެ. މީގެ ތެރޭގައި މަހުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމާއި، ބަންދުކުރުމާއި، ލޮޖިސްޓިކްސްގެ އިތުރުން ޗައިނާއަށް މަސް އެކްސްޕޯޓްކުރުމުގައި ފުރިހަމަކުރަންޖެހޭ ޤާނޫނީ މިންގަނޑުތަކަށް އަމަލުކުރުން ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން މިފްކޯއިން މަސް ފޯރުކޮށްދޭ ފަރާތުގެ ގޮތުގައި ހަރަކާތްތެރިވާއިރު، ސައިނޯމެކް ހައިނާންއިން މަސައްކަތްކުރާނީ ޗައިނާގެ ބާޒާރުން ފުރުޞަތުތައް ހޯދައިދިނުމަށެވެ. މީގެ އިތުރުން ފުރަތަމަ މަރުޙަލާގެ ދިރާސާތަކަށް ފަހު، 2027 ވަނަ އަހަރުން ފެށިގެން އެކްސްޕޯޓްކުރާ މަހުގެ މިންވަރު އިތުރުކުރުމަށް ދެ ކުންފުނިން މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.