ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހދ. އާއި ށ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، އެ ދެ އަތޮޅުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް ހިދުމަތާ ހަވާލުވުމާއެކު ވަނީ ފަށާފައެވެ. އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އެ ދެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ދެމުންދިޔަ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވީ ހިންގުމުގެ ހަރަދުތައް ކުޑަކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. މި ބަދަލާއެކު، ރާއްޖޭގެ ފަސް ސިޓީގެ ތެރެއިން ތިން ސިޓީއެއްގެ ކަރަންޓު ހިދުމަތް މިހާރު ދެމުންގެންދަނީ ސްޓެލްކޯއިންނެވެ.
މިގޮތުން ވެރިރަށް މާލެ ސިޓީގެ އިތުރުން، އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހިދުމަތް ބަލަހައްޓަމުންދަނީ ސްޓެލްކޯއިންނެވެ. އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން ދަނީ ފެނަކައިން ކުރިން ހިދުމަތް ދެމުން އައި ރަށްތަކުގެ ތެރެއިން ހަވާލުނުވެ ހުރި ރަށްތަކުގެ އޮޕަރޭޝަންތަކާވެސް ވީއެންމެ އަވަހަކަށް ހަވާލުވެ، މުޅި މަސައްކަތް އެއްކޮށް ނިންމާލުމަށެވެ.