ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ޢާންމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ތަފްސީލީ ޖަވާބެއް ދެއްވަމުން، އެ މަޝްރޫޢުގެ ފުރިހަމަ އެގްރީމަންޓް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢަކީ ރައްޔިތުންނަށް އެކަމުން ނުހަނު ބޮޑު ފައިދާއެއް ލިބިގެންދާނެ އިންވެސްޓްމަންޓެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރިއަލް އެސްޓޭޓް ޓުއަރިޒަމާ ގުޅޭ ޚާއްޞަ ބިލެއް ކުރިއަށް އޮތް ތަނުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަން ހާމަކުރެއްވިއެވެ. އަދި އެ ބިލު ޤާނޫނަކަށް ވުމުގެ ކުރިން، ޢާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ މުއްދަތަކަށް ހުޅުވާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މަޝްރޫޢުގެ އެގްރީމަންޓް މަޖިލީހަށް ފޮނުވުމާއި ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަކީ، ސަރުކާރުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ކުރިއަށްދާކަމުގެ ހެކިތަކެކެވެ.
ރަސްމާލޭގައި ހިނގާނީ ދިވެހިރާއްޖޭގެ ސިޔާދަތާއި ޤާނޫނުއަސާސީގެ އިތުރުން ޤާނޫނުތައް ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ. އެތަނުގައި ބޭރުގެ އެއްވެސް ޤައުމެއްގެ ޤާނޫނެއް ނުހިނގާނެ ކަމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި ދައުލަތުގެ މުއައްސަސާތަކުގެ ބާރު ފުރިހަމައަށް ހިނގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެތަނުގައި ކެސިނޯ ހިންގުމާއި، ރާ ވިއްކުމާއި، އޫރުމަސް ގެންގުޅުން ފަދަ އިސްލާމީ އުޞޫލުތަކާ ޚިލާފު ކަންކަމަށް ފުރުޞަތު ނޯންނާނެ ކަމަށާއި، ފަސްވަގުތު ބަންގިގޮވައި މިސްކިތްތައް ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރަމަޟާން މަހު މަގުމަތީގައި ޢާންމުކޮށް ކައިބޮއި އުޅުން މަނާވުން ފަދަ ދިވެހިރާއްޖޭގެ އެހެން ރަށްރަށުގައިވެސް ޢަމަލުކުރާ އިޖުތިމާޢީ މިންގަނޑުތައް ރަސްމާލޭގައިވެސް އެގޮތަށް ހިނގާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމީ މުއައްސަސާތަކާއި ސުކޫލުތައްވެސް ހިންގާނީ ދިވެހިރާއްޖޭގެ ތަޢުލީމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، ބޭރުގެ އެއްވެސް ފަރާތެއްގެ ވަކި ކޮންޓްރޯލެއް ނޯންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރަސްމާލޭގެ ޕްރޮޕަޓީތައް ގަތުމަށް އެންމެ ބޮޑު ޝައުޤުވެރިކަމެއް އޮތީ ޢަރަބި އިސްލާމީ ޤައުމުތަކުގެ މީހުންގެ ކިބައިގައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން އެތަނުގައި ގިނައިން އުޅޭނީ ދިވެހިންނާއި އެހެން ޤައުމުތަކުގެ މުސްލިމުން ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ. އެކަމާ ގުޅޭ ޤާނޫނު އެކުލަވާލާއިރު، ވަކި އެއް ޤައުމެއްގެ ރައްޔިތުންނަށް ވިއްކޭނީ އެންމެ ގިނަވެގެންވެސް ޕްރޮޕަޓީގެ 25 އިންސައްތަ ކަމަށް ކަނޑައަޅުއްވާނެ ކަމަށާއި، ދިވެހިންނަށް އެފަދަ އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ޚާއްޞަ ގޮތެއްގައި ރައީސް ވިދާޅުވީ، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރަސްމާލޭގެ އެއްވެސް ޕްރޮޕަޓީއެއް ނުގަނެވޭނެ ކަމަށާއި، ކުއްޔަށްވެސް ނުލިބޭނެ ކަމަށެވެ. އަދި ވަރުގަދަ ކޭވައިސީ ޗެކްތައް ހަދައިގެން ބަލާއިރު އިސްރާއީލު ރައްޔިތެއްކަން އެނގިއްޖެނަމަ، އެންމެ ދުވަހަކަށްވެސް އެތަނުގައި މަޑުކުރުމުގެ ފުރުޞަތު ނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.