2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

މާލީ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ ފޮޓޯ: މަޖިލިސް
މާލީ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ޖުމްލަ ބަޖެޓުގެ ގޮތުގައި 59.7 ބިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މިއީ ހިނގަމުންދާ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ އަޅާބަލާއިރު 7 އިންސައްތަ ދަށް އަދަދެކެވެ.

މާލީ ވުޒާރާއިން އާންމުކުރި ތަފާތުހިސާބުތަކަށް ބަލާއިރު، މި ހިނގާ 2026 ވަނަ އަހަރުގެ ދައުލަތުގެ ޖުމްލަ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ވަނީ އެއަށްވުރެ ކުޑަކޮށްފައެވެ. އަންނަ އަހަރު ދައުލަތަށް ޖުމްލަ 43.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 33.6 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކުރާ 9.1 ބިލިއަން ރުފިޔާގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 349.3 މިލިއަން ރުފިޔާ ހިމެނެއެވެ.

އަންނަ އަހަރު ދައުލަތުން ކުރާނެ ޖުމްލަ ހަރަދު 52.6 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. ބަޖެޓުގެ ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ މި އަހަރުގެ ރިކަރަންޓް ހަރަދު ކަމަށްވާ 42.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ކުޑަ އިތުރުވުމެކެވެ.

ނަމަވެސް، އަންނަ އަހަރު އެންމެ ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެނީ ކެޕިޓަލް ހަރަދެވެ. މި އަހަރު ކެޕިޓަލް ހަރަދަށް 6.8 ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، އަންނަ އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އެހެނިހެން ހޭދައިގެ ގޮތުގައި މި އަހަރު 14.8 ބިލިއަން ރުފިޔާ ހޭދަވާއިރު، އަންނަ އަހަރު އެ ބައި 7.1 ބިލިއަން ރުފިޔާއަށް ކުޑަވާނެއެވެ.

2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރުގެ ބަޖެޓު ޑެފިސިޓް ކަމަށްވާ 7.5 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެކެވެ.

ބަޖެޓު ޑެފިސިޓް ފޫބެއްދުމަށްޓަކައި އެތެރޭގެ ބާޒާރުން ދަރަންޏަށް ނަގާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި އަހަރު އެތެރޭގެ ބާޒާރުން 19.2 ބިލިއަން ރުފިޔާ ދަރަންޏަށް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި އެތެރޭގެ ބާޒާރުން ދަރަންޏަށް ނެގުމަށް ހިމަނާފައިވަނީ 11.9 ބިލިއަން ރުފިޔާއެވެ. އަދި ބޭރުގެ ފަރާތްތަކުން ހޯދަންޖެހޭ ފައިނޭންސިންގ މި އަހަރުގެ 5.3 ބިލިއަން ރުފިޔާއިން އަންނަ އަހަރު 6.9 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ