ޏ. ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ދޫޑިގަން އަވަށަށް ނިސްބަތްވާ ދެ މީހުންނެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން، އާސިމީމަންޒިލް، އަޙްމަދު އަފާފު ޢާރިފް (32އ) އާއި، ޏ. ފުވައްމުލައް / ދޫޑިގަން، ލާލުގެ، އަޙްމަދު ވިޝާން (37އ) އެވެ. ފުލުހުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އެ ދެ މީހުންގެ ބަންދަށްވެސް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.