ޢާއިލީ ގުޅުންތައް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައި މިއަދު މުޅި ރާއްޖޭގައި ދެއްވި ހުކުރު ޚުޠުބާގައި، ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކަމެއްކަން ހަނދާންކޮށްދީފިއެވެ. އަދި އެފަދަ ކަންކަމުން ދުރުހެލިވެ، ގާތްތިމާގެ މީހުންނާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ޚުޠުބާގައި ވަނީ އިރުޝާދު ދެއްވައިފައެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި އިސްލާމްދީނުގައި އެންމެ ބޮޑަށް ބާރުއަޅުއްވާފައިވާ އެއްކަމަކީ ގާތްތިމާގެ މީހުންނާއެކު އޮންނަ ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ. މި ގުޅުން ބަދަހިކުރުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، އުމުރުގައި ބަރަކާތް ލައްވާނެ މުހިންމު ސަބަބެކެވެ. މީގެއިތުރުން، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ހަމައެކަނި ބަދަލުގައި ކަމެއް ކޮށްދިނުމުގެ އުޞޫލުން ކުރާ ކަމެއް ނޫންކަން ވެސް ފާހަގަކުރިއެވެ.
މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ރަނގަޅުކުރެވޭނީ ދަރިން ތަރުބިޔަތުކުރުމުގައި ދީނީ އަދި އިޖުތިމާޢީ އުޞޫލުތަކަށް އަހުލުވެރިކުރުވައިގެން ކަމަށް ޚުޠުބާގައި ބުންޏެވެ. އެގޮތުން ތުއްތުއިރުއްސުރެ މައިންބަފައިންނަށް ކިޔަމަންތެރިވުމާއި، ގާތްތިމާގެ މީހުންނަކީ ކޮބައިކަން ދަސްކޮށްދީ، އެމީހުންނަށް ކަމޭހިތުމުގެ މުހިންމުކަން ކުދިންނަށް އުނގަންނައިދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ދަރިންނަށް ދެވޭ ތަޢުލީމުގެ އިތުރުން ރަނގަޅު ތަރުބިޔަތެއް ދިނުމަކީ މައިންބަފައިންގެ އިސް މަސްއޫލިއްޔަތެއް ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އަދި ކުދިންގެ އަޚުލާޤު ބައްޓަންކުރުމުގައި މައިންބަފައިންނަކީ ރިވެތި ނަމޫނާއަކަށް ވާންޖެހޭނެކަން ހަނދާންކޮށްދިނެވެ. މީގެއިތުރުން، މައިންބަފައިންނަށް ކިޔަމަންތެރިވުން ވާޖިބުވި ނަމަވެސް، ޚާލިޤުވަންތަ ﷲ އަށް އުރެދެވޭފަދަ އެއްވެސް ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވާން ނުޖެހޭނެކަން ޚުޠުބާ ނިންމާލަމުން ބަޔާންކުރިއެވެ.