މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" (މެޕް) ގެ ދަށުން ހިންގާ "ދަނޑުވެރި މަންފާ" ގްރާންޓް ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ. މި ސްކީމަކީ އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ސްކީމް ހާއްސަކޮށްފައިވަނީ ހއ.، ހދ. އަދި ށ. އަތޮޅުގެ 26 ރަށެއްގެ ދަނޑުވެރިންނަށާއި، މި ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ. އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތު ދޭ ގޮތުގައި، މި ގްރާންޓުގެ ދެވަނަ ބުރުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޒަމާނީ ދަނޑުވެރިކަމާއި، ގްރީންހައުސްތައް ގާއިމުކުރުމަށާއި ހައިޑްރޯޕޮނިކްސް ނިޒާމުތައް ތަރައްގީކުރުމަށް އެދި ގިނަ އަދަދެއްގެ ދަނޑުވެރިން ވަނީ ފޯމު ހުށަހަޅާފައެވެ.
މި ޕްރޮގްރާމުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް މަޝްރޫއުގެ މުޅި ހަރަދުގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ނިސްބަތެއް ހިލޭ އެހީގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ. އެގޮތުން އެންމެ ގިނަވެގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 150،000 ރުފިޔާއެވެ. އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވި ގޮތުގައި، މިއީ ދަނޑުވެރިންނަށް މާލީ ބުރައެއް ނުއުފުލައި ޒަމާނީ ދަނޑުވެރިކަމުގެ އައު އުކުޅުތައް ތަޖުރިބާކުރުމަށް ފަހިވެގެންދިޔަ މުހިންމު ފުރުސަތެކެވެ.
އެސްއެމްއީ ޑިޖިޓަލްއިން މިހާރު ކުރިއަށްގެންދަނީ ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތެވެ. "ދަނޑުވެރި މަންފާ" ގްރާންޓުގެ މުއްދަތު މާދަމާއަށް ހަމަވި ނަމަވެސް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދަނޑުވެރިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ދަނޑުވެރި ނަފާ" ފައިނޭންސިން ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ.