މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ތައުލީމީ ގާނޫނު އިސްލާހުކުރަން މަޖިލީހަށް ހުށަހަޅައިފި

ހުރަވީ ސްކޫލް
ހުރަވީ ސްކޫލް

ކޮންމެ ދިރާސީ އަހަރެއްގައި ސްކޫލުތަކުގައި ކިޔަވައިދޭ ދުވަހުގެ އަދަދު މަދުވެގެން 195 ދުވަހަށް ހެދުމަށްޓަކައި، ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކިޔަވައިދޭ 195 ދުވަސް ކަނޑައެޅުމުގައި ރަސްމީ ބަންދު ދުވަސްތަކާއި ސްކޫލް ޗުއްޓީތަކެއް ނުގުނޭނެއެވެ. އަދި ދިރާސީ އަހަރު ފަށާ މަހަކީ ޖެނުއަރީ މަސް ކަމުގައި ހަމަޖެއްސުމަށާއި، މަގްބޫލު އުޒުރެއް ނުވަތަ މަޖުބޫރު ހާލަތެއް މެދުވެރިވެއްޖެނަމަ ފެބުރުއަރީ މަހުގެ ނިޔަލަށް ދިރާސީ އަހަރު ފެށުން ފަސްކުރުމުގެ އިހުތިޔާރު ލިބިދޭ މާއްދާއެއްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

އަންނަ އަހަރުގެ ދިރާސީ ކަލަންޑަރު މިހާރު އެކުލަވާލާފައިވަނީ ސްކޫލްތައް 201 ދުވަހަށް ހުޅުވާގޮތަށް ކަމަށްވީ ނަމަވެސް، ހާއްސަ އެކިއެކި ހަރަކާތްތަކާއި ބަންދުތައް އުނިކުރުމުން ހަގީގީ މާނައިގައި ކިޔަވައިދިނުމަށް ލިބެނީ 163 ދުވަހެވެ. އެހެންކަމުން، މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ކިޔަވައިދޭ ދުވަހުގެ އަދަދު އިތުރުކޮށް، ދަރިވަރުންނަށް އުނގަންނައިދިނުމަށް ބޭނުންވާ ފުރިހަމަ ވަގުތު ކަށަވަރުކޮށްދީ، ތައުލީމީ ފެންވަރު މަތިކުރުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ޓާމް ބަންދުތައް ހިމެނޭހެން އަހަރަކު 4 ހަފުތާގެ ޗުއްޓީ، ތިން މުއްދަތަކަށް ބަހާލައިގެން ދިނުމަށްވެސް މި އިސްލާހުގެ ދަށުން ވަނީ ރޭވިފައެވެ. އަދި ރާއްޖޭގެ ތައުލީމީ ނިޒާމަށް އަލަށް ތައާރަފުކުރެވޭ "ހޯމް ސްކޫލިން" އާ ގުޅޭ އުސޫލުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

ހޯމް ސްކޫލިން އުސޫލުގެ ދަށުން ކުއްޖާގެ ނުކުޅެދުންތެރިކަމަށް ނުވަތަ ނަފުސާނީ ހާލަތަށް ރިއާޔަތްކޮށް ހެދޭ ހާއްސަ އެސެސްމެންޓަކަށްފަހު، ގޭގައި ތިބެގެން މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްވެ އަމަލުކުރަން ފެށުމުން، މިއީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި ތައުލީމީ ދާއިރާއަށް ކުރިއެރުން ލިބޭނެ މުހިންމު ބަދަލެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ