ތިލަފުށީގައި ގުދަން ހުރި ވިޔަފާރިތަކަށް އެ ރަށު ބަނދަރުން މުދާ ދޫކުރުން އަންނަ މަހު ފަށަނީ

ތިލަފުށި ބަނދަރަށް ބޯޓެއް ކައިރި ކުރަނީ. ފޮޓޯ: އެމްޕީއެލް
ތިލަފުށި ބަނދަރަށް ބޯޓެއް ކައިރި ކުރަނީ. ފޮޓޯ: އެމްޕީއެލް

ތިލަފުށީގައި ގުދަން ހިންގާ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން، އެ ރަށުގައި ތަރައްޤީކުރަމުންދާ ވިޔަފާރި ބަނދަރުން އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު ކޮންޓެއިނަރު ކަނޑައިގެން މުދާ ދޫކުރުމުގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ.

އެމްޕީއެލްގެ ސީއީއޯ ޙުސައިން ޝަފީޤު ވިދާޅުވީ، ތިލަފުށީ ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ ދަށުން ދެން އެންމެ އަވަހަށް ތަޢާރަފުކުރާނީ އެ ރަށުގައި ގުދަން ހުންނަ ފަރާތްތަކަށް ކޮންޓެއިނަރު ކްލިއަރ ކުރުމުގެ ފުރުޞަތު ކަމަށެވެ. އަދި އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން މި ޚިދުމަތް ރަސްމީކޮށް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޚިދުމަތް ފެށުމުން، މާލޭ ޕޯޓަށް މުދާ ބޭލުމަށްފަހު އަލުން ތިލަފުށްޓަށް އުފުލަންޖެހުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބި، މުދާ ނެރުމުގެ މަރުޙަލާ މިހާރަށްވުރެ އަވަސްވެގެންދާނެއެވެ.

އޮކްޓޯބަރު 27 ވަނަ ދުވަހުން ފެށިގެން ތިލަފުށީ ބަނދަރުން ވަނީ މުދަލާއެކު ކޮންޓެއިނަރު ދޯނިފަހަރަށް ލޯޑުކުރުމާއި، ހުސް ކޮންޓެއިނަރުތައް ބޭލުމުގެ ޚިދުމަތް ދޭން ފަށާފައެވެ. މީގެއިތުރުން، އެ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކޮންޓެއިނަރު ކަނޑައިގެން އެލްސީއެލް މުދާ ދޫކުރުމުގެ އިންތިޒާމުތައްވެސް ކުރިއަށް އޮތް ތަނުގައި ހަމަޖައްސަމުން ގެންދާނެ ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

ރާއްޖޭގެ ވިޔަފާރިއާއި ލޮޖިސްޓިކްސްގެ ދާއިރާ އާ ހަރުފަތަކަށް ގެންގޮސްދޭނެ ތިލަފުށީ ކޮމާޝަލް ހާބަރު މަޝްރޫޢާއި ތިލަމާލެ ބްރިޖުގެ މަޝްރޫޢު 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން ނިންމައި، އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ތިލަފުށީ ބަނދަރު ތަރައްޤީކުރަނީ 60 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގައެވެ. ބަނދަރު 14.6 މީޓަރަށް ފުންކޮށްގެން ހަދާއިރު، ބައިނަލްއަޤްވާމީ ބޮޑެތި މުދާ އުފުލާ ބޯޓުފަހަރަށް ސީދާ އެ ބަނދަރަށް ކައިރިކުރެވޭނެއެވެ. މާލޭ ބަނދަރުގައި މިހާރު ހުރި 80،000 ކޮންޓެއިނަރުގެ ޖާގަ، ތިލަފުށި ބަނދަރު ހުޅުވުމުން 390،000 ކޮންޓެއިނަރަށް ފުޅާވެގެންދާނެއެވެ. މިއާއެކު މުދާ ބޭލުމަށް މިހާރު ހޭދަވާ 9 ދުވަހާއި 14 ދުވަހުގެ އިންތިޒާރު، 3 ދުވަހަށްވުރެ ކުރު މުއްދަތަކަށް އަވަސްވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ