މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މުޅި ރާއްޖޭގައި ހިންގަމުންދާ އުމްރާނީ މަޝްރޫއުތަކާއި، ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ އިތުރުން ޑިޖިޓަލް ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް އެކުލަވާލި ޚާއްޞަ ސްޓްރެޓީޖިކް އޮނިގަނޑު "ވަން އެމްޑަބްލިއުއެސްސީ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި އިނީޝިއޭޓިވް އިފްތިތާހުކޮށްފައިވަނީ މެންހެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި އެ ކުންފުނީގެ އަހަރީ ސްޓާފް އެވޯޑް ހަފްލާގެ ތެރެއިންނެވެ. މި އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. މި ހަފްލާއަކީ ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންނާއި، ވޭތުވެދިޔަ އަހަރު ފާހަގަކޮށްލެވޭ ފަދަ ރަނގަޅު މަސައްކަތްތަކެއް ކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ހަފްލާއެކެވެ.
މި އަހަރުގެ އެވޯޑް ނައިޓްގައި ތަފާތު 12 ދާއިރާއަކުން 40 މުވައްޒަފަކަށް އެވޯޑް ހަވާލުކޮށްފައިވެއެވެ. އަދި ކުންފުންޏަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 69 މުވައްޒަފެއްގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑް ވަނީ އަރުވާފައެވެ. ވަނަވަނައަށް ހޮވުނު މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހުމާނު، އެމްޑަބްލިއުއެސްސީގެ ބޯޑުގެ އެކްޓިން ޗެއަރޕާސަން ޢާއިޝަތު ރޫޙީއާއި، ބޯޑު ޑިރެކްޓަރުންގެ އިތުރުން މެނޭޖިން ޑިރެކްޓަރާއި ސީނިއަރ މެނޭޖުމަންޓް ޓީމުގެ ބޭފުޅުންނެވެ.
ހަފްލާގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، މިފަދަ ހަފްލާއެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ ހުނަރާއި ބުރަ މަސައްކަތް ފާހަގަކޮށް، ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ދިނުން ކަމަށެވެ. މީގެއިތުރުން، މުވައްޒަފުންގެ ތަރައްގީއަށް އެކި ދާއިރާތަކުން ކުރު އަދި ދިގު މުއްދަތުގެ ސްކޮލަރޝިޕް ފުރުސަތުތައް ފަހިކޮށްދެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތަކީ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އަސާސީ ޚިދުމަތަކަށްވާތީ، މެދުކެނޑުމެއްނެތި އިތުބާރާއެކު އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ކުންފުނީގެ ތެރެއަށް އިތުރުކުރެވެމުންދާކަމަށް ވެސް މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ. އަދި ވަޒީފާގެ މާހައުލަކީ މުވައްޒަފުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އިސްކަންދޭ އުފާވެރި ތަނަކަށް ހެދުމަށް ޚާއްޞަ އިސްކަމެއް ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.