ބ. އޭދަފުށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އައު އިސްލާމީ މަރުކަޒުގެ ބިންގާ އެޅުމުގެ ޚާއްޞަ ރަސްމިއްޔާތެއް އެ ރަށުގައި ބާއްވައިފިއެވެ. މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމްގެ އިތުރުން އޭދަފުށީ ކައުންސިލްގެ ރައީސް ޝާމީ އިބްރާހީމެވެ.
މި މަޝްރޫޢުގެ ދަށުން އޭދަފުށީގައި ބިނާކުރާ ދެ ބުރީގެ އިސްލާމީ މަރުކަޒަކީ އެއްފަހަރާ 700 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތަކާއެކު ތަރައްޤީކުރާ ތަނެކެވެ. މީގެއިތުރުން ދީނީ ޙަރަކާތްތަކާއި ތަޢުލީމީ ކަންކަމަށް ޚާއްޞަކޮށްގެން މަލްޓިޕަރޕަސް ހޯލަކާއި، ތިން ކްލާސްރޫމާއި، ޙިފްޟު ކްލާސްރޫމެއްގެ އިތުރުން އިސްލާމީ ކުތުބުޚާނާއަކާއި އިދާރީ އޮފީހެއް އަދި އެކަށީގެންވާ ހިނަވާގެއެއް މި މަރުކަޒުގައި ހިމެނޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމާއި ސްޓޭޓް މިނިސްޓަރު ޑރ. ޝުޖާޢު ވަނީ ރަށްރަށުގައި ދީނީ ބިނާތައް ވަރުގަދަކޮށް، އިސްލާމީ ތަޢުލީމާއި އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ސަރުކާރުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ޒަމާނީ ވަސީލަތްތަކާއެކު އިސްލާމީ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.