އެތެރޭގެ ބާޒާރުން ދަރަނި ނަގާ މިންވަރު 37 އިންސައްތަ ދަށްވާނެ: މާލީ ވުޒާރާ

ފިނޭންސް މިނިސްޓްރީގެ އިމާރާތް
ފިނޭންސް މިނިސްޓްރީގެ އިމާރާތް

އަންނަ 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ދަރަނި ފޫބެއްދުމަށް ނުވަތަ އާމްދަނީއާއި ހަރަދުގެ މެދުގައި އޮންނަ ފަރަގު ކުޑަކުރުމަށް ދާހިލީ ބާޒާރުން ފައިސާ ނަގާ މިންވަރު 37 އިންސައްތަ ދަށްވާނެ ކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މާލީ ވަޒީރު ހަސަން ޒަރީރު ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން، އަންނަ އަހަރު ބަޖެޓު ފޫބެއްދުމަށް ފައިނޭންސް ކުރަންޖެހޭ ޖުމްލަ އަދަދަކީ 18.9 ބިލިއަން ރުފިޔާއެވެ. މިއީ ހިނގަމުންދާ އަހަރު ބަޖެޓު ފައިނޭންސް ކުރުމަށް ހޯދަންޖެހުނު 24.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 23.3 އިންސައްތައިގެ ދަށްވުމެކެވެ. ހިނގަމުންދާ އަހަރު އެތެރޭގެ ބާޒާރުން 19.2 ބިލިއަން ރުފިޔާ ހޯދި ނަމަވެސް، އަންނަ އަހަރު އެތެރޭގެ ބާޒާރުން ނަގާނީ 11.9 ބިލިއަން ރުފިޔާއެވެ.

އޭގެ ތެރެއިން ދާހިލީ ބާޒާރުން ދަރަންޏަށް ފައިސާ ނަގާނެ ކަމަށް ލަފާކުރަނީ 8.6 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރު ނެގި 12.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 32.6 އިންސައްތަ މަދު އަދަދެކެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުން ބަޖެޓު ފޫބެއްދުމަށް ނަގާ މިންވަރުވެސް 56.2 އިންސައްތަ ކުޑަކޮށް، އަންނަ އަހަރު ނެގުމަށް ނިންމާފައިވަނީ 2.36 ބިލިއަން ރުފިޔާއެވެ.

އެތެރޭގެ ބާޒާރުން ނަގާ ފައިސާ މަދުވި ނަމަވެސް، ބޭރުގެ މާލީ އިދާރާތަކުން ބަޖެޓު ފައިނޭންސް ކުރުމަށް ހޯދާ ފައިސާގެ އަދަދު ވަނީ އިތުރުކޮށްފައެވެ. އެގޮތުން މި އަހަރު ބޭރުން 5.3 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، އަންނަ އަހަރު ބޭރުގެ ފަރާތްތަކުން 6.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރާވާފައެވެ. މީގެ ތެރޭގައި ބޭރުގެ ބާޒާރުގައި ބޮންޑާއި ސުކޫކު ވިއްކައިގެން 2.6 ބިލިއަން ރުފިޔާ ހޯދުމާއި، ލޯނުގެ ގޮތުގައި 2.35 ބިލިއަން ރުފިޔާ އަދި ބަޖެޓު ސަޕޯޓުގެ ގޮތުގައި 1.89 ބިލިއަން ރުފިޔާ ހޯދުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ