އެލްޖީއޭ ބޯޑުގެ އިންތިޚާބު ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކުރުމުން ރައީސް މަރުޙަބާ ވިދާޅުވެއްޖެ

Simple-OG (18)

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގޭ ބޯޑުގައި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަމްސީލުކުރާނެ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދެ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތައް ތަމްސީލުކުރައްވާ މެންބަރުކަމުގެ ގޮނޑި ކާމިޔާބުކުރެއްވީ ފާފު ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިން ތަމްސީލުކުރައްވާ މެންބަރުކަމަށް އިންތިޚާބުވެވަޑައިގަތީ ށަވިޔަނި ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ޒީނާއެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅިގެން މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިން ދެއްވި ވޯޓަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތަށް އޮތް ތާއީދު ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ޚިދުމަތްތަކާއި ފުރުޞަތުތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަކަން މި ނަތީޖާއިން ހާމަވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އިންތިޚާބުގައި ވޯޓު ދެއްވި އެންމެހައި ކައުންސިލަރުންނަށާއި، ޕީއެންސީގެ ލީޑަރޝިޕާއި މަޖިލިސް މެންބަރުންގެ އިތުރުން ޕާޓީގެ އެކި ގޮފިތަކާއި ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުން ކުރެއްވި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ