ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށްޓަކައި، އަންނަ އަހަރުގެ ތެރޭގައި ދުވާލަކު އިތުރު 550 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މާލީ ވަޒީރު ހަސަން ޒަރީރެވެ.
ވަޒީރު ހުށަހެޅުއްވި ބަޖެޓު ބަޔާނުގައި ވިދާޅުވި ގޮތުގައި، ދުރަށް ދަތުރުކުރަން ނުޖެހި ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން އަލަށް ގާއިމުކުރާ އައިސް ޕްލާންޓުތަކުގެ ތެރޭގައި ފަރުމަހުގެ މަސްވެރިކަމަށް ހާއްސަ އައިސް ޕްލާންޓުތަކާއި، މެރިކަލްޗާގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ހިމެނޭނެއެވެ.
މީގެ އިތުރުން، މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އަންނަ އަހަރު 11،400 ޓަނުގެ ކޯލްޑް ސްޓޮރޭޖު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބަޖެޓު ބަޔާނުގައިވެއެވެ. މީގެ ކުރިން ފަށާފައިވާ 9،000 ޓަނުގެ ކޯލްޑް ސްޓޮރޭޖު މަޝްރޫއުތަކުގެ ތެރެއިން ތިން ރަށެއްގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި މަސްވެރިކަމުގެ ދާއިރާއަށް ރޭވިފައިވާ އެހެން މަޝްރޫއުތަކަށް ބަލާއިރު، ހުޅުމާލޭގައި ބޮޑުކަންނެލި ޕެކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި ފެސިލިޓީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސީދާ ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.