އާމްދަނީ ބޮޑު މީހުން އަމިއްލަ ތަންތަނުން ސިއްހީ ހިދުމަތް ހޯދާއިރު ކޯ-ޕޭމަންޓެއް ނަގަން ނިންމައިފި

IMG_2608
އާސަންދަ އޮފީސް. ފޮޓޯ: އާސަންދަ

ދައުލަތުގެ ސިއްހީ އިންޝުއަރަންސް ނިޒާމު، އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމުގެ ގޮތުން، މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އަމިއްލަ ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ނިންމެވުމަށް އަމަލުކުރަން ފަށާނީ 1 ޖެނުއަރީ 2027 އިން ފެށިގެން ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މި އުސޫލުގެ ދަށުން ކޯ-ޕޭމަންޓު ނަގާނީ ހަމައެކަނި އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ހިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދާ ހާލަތްތަކުގައެވެ. ނަމަވެސް، ސަރުކާރުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެއެވެ.

ސަރުކާރުގެ ސިއްހީ ފެސިލިޓީތަކުން ހިދުމަތް ހޯދާއިރު، މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ހާލަތްތަކުގައި ވެސް އެއްވެސް ކޯ-ޕޭމަންޓެއް ނަގާކަށް ނުޖެހޭނެއެވެ. އެފަދަ ހާލަތްތަކުގައި ފުރިހަމަ ހިދުމަތް ލިބެމުންދާނީ ކުރިއެކޭވެސް އެއްގޮތަށް ހިލޭ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކުރި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އާމްދަނީ ބޮޑުވި ނަމަވެސް، ގައުމަށް ނުހަނު ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި ގައުމުގައި އެފަދަ މުވައްޒަފުން ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ދާއިރާތަކުގެ ފަންނީ މުވައްޒަފުން ވަނީ މި ކޯ-ޕޭމަންޓު ނެގުމުގެ އުސޫލުން އިސްތިސްނާކޮށްފައެވެ.

  • ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން
  • ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން
  • އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން

މި ސިޔާސަތަށް ގެންނަ އިސްލާހީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި މިގޮތަށް ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ކަންކަމަށާއި އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ