މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އުފެދުނުތާ 33 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ގުޅުވައިގެން، އެ ކުންފުނީގެ ހަތް ބަނދަރަކުން މިއަދު މަސް ކިލޯއެއް 23 ރުފިޔާގެ މަގުން ގަންނަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
މިފްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު ހާއްސަ އަގުގައި މަސް ކިރުވުމުގެ ހިދުމަތް ކުރިއަށްދާނީ ފެލިވަރާއި، ކޫއްޑޫގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައެވެ. އޭގެ އިތުރުން ތ. ހިރިލަންދޫ ބަނދަރާއި، ގދ. ތިނަދޫ ބަނދަރާއި، މ. މުލަކު ބަނދަރުގެ އިތުރުން ހއ. އިހަވަންދޫ ބަނދަރުންވެސް މަސް ގަންނަމުންދާނެއެވެ. މި ބަނދަރުތަކުން ކަޅުބިލަމަހުގެ އިތުރުން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެއްޔާއި، 15 ކިލޯއަށްވުރެ ބަރު ކަންނެލިވެސް ކިރުވައިދޭނީ ކިލޯއަކަށް 23 ރުފިޔާގެ މަގުންނެވެ.
ރާއްޖޭގައި ސިނާއީ ގޮތެއްގައި މަސްވެރިކަމުގެ މަސައްކަތްތައް އެންމެ ފުރަތަމަ ފެށިގެންދިޔައީ 1977 ވަނަ އަހަރު ފެލިވަރުގައި ޖަޕާނުގެ އިންވެސްޓްމަންޓަކާއެކު ގާއިމުކުރެވުނު މަސް ބަންދުކުރާ ކާރުހާނާއިންނެވެ. އޭގެ ފަހުން މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަނާއި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ގެ ދަށުން މި ސިނާއަތުގެ ކަންކަން ހިންގުމަށްފަހު، ދައުލަތުގެ ވަކި ކުންފުންޏެއްގެ ގޮތުގައި މިފްކޯ އުފެއްދެވީ 1 ނޮވެމްބަރު 1993 ގައެވެ. އެއާއެކު މަސް ކިރުވުމާއި، ރައްކާކުރުމާއި، ދަޅުގައި ބަންދުކުރުމުގެ ހުރިހާ މަސައްކަތެއް އެ ކުންފުނީގެ ދަށަށް ބަދަލުކުރެވުނެވެ.
ފާއިތުވި ތާރީހުގައި މިފްކޯއަށް އެކި ބަދަލުތައް އައިސްފައިވެއެވެ. މާލީ ދަތިތަކާ ހުރެ 2016 ވަނަ އަހަރު އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރެވުނު ނަމަވެސް، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިފްކޯއަކީ ސައްތައިން ސައްތަ ދައުލަތް ހިއްސާވާ މުސްތަގިއްލު ކުންފުންޏެއްގެ ގޮތުގައި އަލުން ހަމަޖައްސަވާފައެވެ.
ސަރުކާރުން މިހާރު އަންނަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ކުރިން ނުދެވި ހުރި ފައިސާގެ ހިސާބުތައް ނިންމަމުންނެވެ. މީގެ އިތުރުން މިފްކޯގެ ކޯލްޑް ސްޓޮރޭޖް ކެޕޭސިޓީ 9،000 މެޓްރިކް ޓަނަށް އިތުރުކުރުމާއި މަސް ޕްރޮސެސްކުރާ އައު ކާރުހާނާތައް ގާއިމުކުރުމުގެ ބޮޑެތި މަޝްރޫއުތަކެއްވެސް ސަރުކާރުން ވަނީ ފަށާފައެވެ.