މީހަކަށް ގުޅައިގެން އޯޓީޕީ ކޯޑު ހޯދުމަށްފަހު، އެ މީހާގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ފޭރުނު މައްސަލައެއްގައި ތުހުމަތުކުރެވޭ ހަތަރު މީހަކު ދިވެހި ފުލުހުންގެ ހިދުމަތުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އަހަރުގެ އޮކްޓޫބަރު 24 ވަނަ ދުވަހު ހުށަހެޅުނު މި މައްސަލައިގައި، ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައި އޯޓީޕީ ކޯޑު ހޯދައިގެން އެކައުންޓަށް ވަދެ، 63,000 ރުފިޔާއާއި 21,000 އެމެރިކާ ޑޮލަރު ވަނީ ފޭރިގެންފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އަންނަނިވި ހަތަރު މީހުންނެވެ:
- އިބްރާހީމް ޝާރިފް (34 އަހަރު) - ގޯލްޑަންގޭޓް / ޏ. ފުވައްމުލައް، ދޫޑިގަން
- ޖިނާޙު އަޙްމަދު (29 އަހަރު) - މަތަރެސްމާގެ / ފ. ފީއަލި
- އިބްރާހީމް މުޢާޒު (38 އަހަރު) - ނަޒުމު / ފ. ނިލަންދޫ
- ޢަލީ ދާއިން (21 އަހަރު) - ލިލީނައިޓް / ލ. ގަން، މަތިމަރަދޫ
މި މީހުންގެ ތެރެއިން ތިން މީހަކު އޮކްޓޫބަރު 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، ހަތަރުވަނަ މީހާ ހައްޔަރުކޮށްފައިވަނީ ޖެހިގެން އައި އޮކްޓޫބަރު 29 ވަނަ ދުވަހުއެވެ.
ހައްޔަރުކުރެވުނު ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޖިނާޙު އަޙްމަދުގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާއިރު، ދެން ތިބި ތިން މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.