ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މަސްވެރިން ކިރުވި މަހުގެ އަގުގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖުމްލަ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު މަހު 462 ދޯންޏަކުން 1،354.77 ޓަނުގެ ކަޅުބިލަމަސް އެ ކުންފުންޏަށް ކިރުވާފައިވެއެވެ. އެ އޮޑިފަހަރަށް ކަޅުބިލަމަހުގެ އަގުގެ ގޮތުގައި 30،007،339 (ތިރީސް މިލިއަން ހަތްހާސް ތިންސަތޭކަ ތިރީސް ނުވަ) ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލީގެ ގޮތުގައި 5 ދޯންޏަކުން ކިރުވި 1.23 ޓަނުގެ މަހަށް 30،700 ރުފިޔާ ދޫކުރިއެވެ. އެހެންކަމުން، މުޅި އޮކްޓޯބަރު މަހު ކަޅުބިލަމަހާއި ބޮޑުކަންނެލި ހިމެނޭހެން ޖުމްލަ 1،356 ޓަނުގެ މަސް ކިރުވައި، މަސްވެރިންނަށް 30،038،039 (ތިރީސް މިލިއަން ތިރީސްއަށްހާސް ތިރީސް ނުވަ) ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފަށާފައިވަނީ މި އަހަރުގެ ތެރޭގައެވެ. މީގެއިތުރުން، ކުރިން މަސްވެރިންނަށް ނުދެވި ހުރި 250 މިލިއަނެއްހާ ރުފިޔާގެ ބާކީ ފައިސާ ދައްކައި ހަލާސްކުރުމަށްފަހު، 2024 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން މިފްކޯއަށް މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމު އެ ކުންފުނިން އަންނަނީ ހަމަޖައްސަމުންނެވެ.