ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ "ޓްރާންސްފޯމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދާ "އާރުވެރި" މެޗިން ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އިތުރު ފުރުސަތެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ މަސްވެރިކަމާއި އެއާ ގުޅުންހުރި ދާއިރާތައް މާލީ ގޮތުން ބާރުވެރިކުރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ސްކީމުގެ ދަށުން، ހުށަހަޅާ މަޝްރޫއުތަކުގެ ތެރެއިން ޝަރުތުހަމަވެ ފާސްވާ މަޝްރޫއުތަކަށް ބޭނުންވާ ޚަރަދުގެ 40 އިންސައްތަ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީގެ ގޮތުގައެވެ. މި ސްކީމްގައި ހިމެނޭ ޚާއްސަ ހަތް ދާއިރާގެ ތެރެއިން މިހާރު ވަނީ ފަސް ދާއިރާއަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ.
މި ފުރުސަތުގެ ދަށުން ޕްރޮޕޯޒަލް ހުށަހެޅޭ ދާއިރާތަކުގެ ތެރޭގައި މަސްދޯނިފަހަރުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމުގެ ނިޒާމުތައް ގާއިމުކުރުމަށް ދެވޭ ފިޝިންގ ފްލީޓް ޑީކާބަނައިޒޭޝަން ގްރާންޓާއި، ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ލައިސަންސް ލިބިގެން ހިންގާ ވިޔަފާރިތަކުގެ އުމްރާނީ ތަރައްގީއަށް ދެވޭ ސާކިއުލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް ހިމެނެއެވެ. މީގެއިތުރުން މެރިކަލްޗަރ ދާއިރާއަށް ހާއްސަ ގްރާންޓާއި، މަހުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތަކަށް ދެވޭ ގްރާންޓުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހުގެ އަގު އެއްކުރި އުފެއްދުންތައް އިތުރުކުރުމަށް ދެވޭ އެސްއެމްއީ ގްރާންޓް ހިމެނެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، އެސްއެމްއީ ގްރާންޓުގެ ދަށުން އަންހެނުންނާއި ޒުވާނުން އިސްކޮށް ތިބެގެން ހިންގާ ވިޔަފާރިތަކަށް ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފައެވެ. މި ސްކީމުގެ މައިގަނޑު މަގުސަދަކީ ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަލާމަތްކުރުމާއި، މެރިކަލްޗަރ ފުޅާކުރުމުގެ އިތުރުން ޒުވާނުންނާއި އަންހެނުންނަށް އިގްތިސާދީ އައު ފުރުސަތުތައް ފަހިކޮށްދިނުމެވެ.
މި ގްރާންޓަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު 30 ނޮވެމްބަރު 2026 ގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ޝައުގުވެރިވާ ފަރާތްތަކުން ވުޒާރާގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕްރޮޕޯޒަލް ހުށަހެޅޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.