ސީދާ ދަތުރުތަކާއެކު އޯޝިއާނިއާ ސަރަހައްދުން އައި ފަތުރުވެރިން 20 އިންސައްތައަށް އިތުރުވެއްޖެ

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ކުރި ފުރަތަމަ ދަތުރުގެ ތެރެއިން ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ކުރި ފުރަތަމަ ދަތުރުގެ ތެރެއިން ފޮޓޯ: މޯލްޑިވިއަން

ޤައުމީ އެއާލައިން މޯލްޑިވިއަންއިން އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމާ ގުޅިގެން، އޯޝިއާނިއާ ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 20 އިންސައްތައިން އިތުރުވެފައިވާކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވިއަންއިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށާނެކަން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިއުލާނުކުރުމަށްފަހު، އެ ދަތުރުތައް އަމަލީ ގޮތުން ފަށާފައިވަނީ 2026 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މިއާއެކު އެ ސަރަހައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޯޝިއާނިއާ ސަރަހައްދުން 40،481 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި އައި 33،720 ފަތުރުވެރިންނާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.

އޯޝިއާނިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އޮސްޓްރޭލިއާއިންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އޮސްޓްރޭލިއާއިން 37،346 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި އައި 31،001 ފަތުރުވެރިންނާ އަޅާބަލާއިރު 20.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، ގައުމީ އެއާލައިންގެ ޚިދުމަތްތައް ވަރުގަދަކުރުމަށްޓަކައި ވައިޑް-ބޮޑީ މަތިންދާބޯޓު ތައާރަފުކުރުމުގެ ސިޔާސަތު ފައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ސަރުކާރުން މިހާރު އިތުރު ވައިޑް-ބޮޑީ ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ބޯޓާއެކު ރާއްޖެއާއި ޔޫރަޕާ ދެމެދު ސީދާ ދަތުރުތައް ފެށި، ޔޫރަޕުން އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ