ދުނިޔެއަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި އިގުތިސާދީ ލޮޅުންތަކުން އަރައިގަތުމުގައި ކުދި ދައުލަތްތަކަށް އެހީތެރިވުމުގެ ގޮތުން، އެ ގައުމުތަކުގެ މަސްލަހަތުތައް ހިމާޔަތްކުރެވޭނެ ހަރުދަނާ އިންތިޒާމުތަކެއް ކޮމަންވެލްތުގެ ތެރެއިން ހަމަޖައްސައިދިނުމަށް ދިވެހިރާއްޖެއިން އިލްތިމާސްކޮށްފިއެވެ.
ކޮމަންވެލްތުގައި ހިމެނޭ ކުދި ގައުމުތަކުގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމު އާދަމް ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަކުގެ އިގުތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލީ އެހީތެރިކަމާއި ފަންޑު ހޯދުމުގައި ދަތިތަކާ ކުރިމަތިވެ، މުހިންމު އިންވެސްޓްމަންޓްތައް ހޯދުމަށް އޮންނަ ފުރުސަތުތައް ހަނިވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން، ކުރިންވެސް މަހުދޫދުކޮށް ހުރި ވަސީލަތްތަކަށް އޮތް ފިއްތުންތައް އިތުރަށް ބޮޑުވަމުންދާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ރާއްޖެއިން އަމާޒު ހިފާފައިވަނީ 2040 ވަނަ އަހަރު އަންނަންވާއިރަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށްޓަކައި ބައިނަލްއަގުވާމީ މައިދާނުގައި ފަހި މާހައުލެއް އޮތުން ނުހަނު ބޭނުންތެރި ކަމަށެވެ. އަދި ކުރިމަތިވާ ހުރިހާ ހިރާސްތަކަކުން ސަލާމަތްނުވެވުނު ނަމަވެސް، އެފަދަ ކަންކަމުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ވަޒީރު އިރުތިޝާމު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، މިފަދަ އެދެވޭ މާހައުލެއް ގާއިމުކުރެވޭނީ ވަކާލާތުކުރާ ކަންކަން އަމަލީ ގޮތުން ތަންފީޒުކޮށް، އެދެވޭ ނަތީޖާ ނެރެވޭނެ ފަދަ އިންވެސްޓްމަންޓްތައް ކުދި ގައުމުތަކަށް ލިބިގެންނެވެ. އެހެންކަމުން ކޮމަންވެލްތުގެ ނިޒާމަކީ ކުދި ގައުމުތަކަށް އިތުރަށް ފަހި ނިޒާމަކަށް ހެދުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން، މާލީ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ތަރައްގީގެ ބައިވެރިންގެ ފަރާތުން ލިބޭ އިންވެސްޓްމަންޓްތައް، އިގުތިސާދީ ވިލުންތެރިކަން އިތުރުކުރެވޭނެ ދާއިރާތަކަށް އަމާޒުކުރުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މޫސުމީ ބަދަލުތަކަށް ހޭނުމާއި، ޑިޖިޓަލް ނިޒާމުތައް ހަރުދަނާކުރުމުގެ އިތުރުން އިއާދަކުރަނަވި ހަކަތައަށް ބަދަލުވުމުގެ މަޝްރޫއުތަކަށް އިސްކަންދިނުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.