މަސްވެރިކަމާއި ގުޅޭ

ބޮޑު ކަންނެއްޔަށްދާ ޒުވާން މަސްވެރިޔެއް/ ފޮޓޯ: ދ.މީދޫ މަސްވެރިން
ބޮޑު ކަންނެއްޔަށްދާ ޒުވާން މަސްވެރިޔެއް/ ފޮޓޯ: ދ.މީދޫ މަސްވެރިން

އުންމީދަކީ ކަންނެލީގެ މަސްވެރިކަން ރަނގަޅުވުމުންވެސް އަގު ދަށް ނުކޮށް ކަންނެލި ގަތުން: ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން

އުންމީދަކީ ކަންނެލީގެ މަސްވެރިކަން ރަނގަޅު ވުމުން ވެސް އަގު ދަށް ނުކޮށް ކަންނެލި ގަތުން ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ކަނޑު ގަދަވެ ގިނަ ދޯނި ފަހަރަށް ކަންނެލި ބާނަން ނުނިކުމެވުމާއި، އަދި ކަންނެލި މަސްވެރިކަން މިދުވަސްކޮޅުގައި ދަށްވުމުގެ ސަބަބުން ކުންފުނި ތަކަށް ބޭނުންވާ ވަރަށް ކަންނެލި ނުލިބޭތީ ކަންނެލި ގަންނަ އަގު ބޮޑުކޮށްފައިވާކަން ފާހަގަ ކުރެވޭކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުމަކީ ކިރިޔާވެސް ރަނގަޅަށް ކަންނެލި ބާނަން ފަށާއިރަށް ކަންނެލި ގަންނަ އަގު ކުޑަކުރުން ކަމަށާއި އެހެންކަމުން މިފަހަރު އުއްމީދުކުރަނީ ކަންނެލީގެ މަސްވެރިކަން ރަނގަޅު ވުމުންވެސް މިހާރު ހުރި އަގަށް ވުރެ ދަށްނުކޮށް ކަންނެލި ގަތުން ކަމަށް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ބުނެއެވެ.

ބޮޑު ކަންނެލި ގަންނަ ބޮޑެތި ކުންފުނިތަކުން ކަންނެލި ކިލޯއެެއް މިހާރު ގަންނަނީ 70 ރުފިޔާއަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް ގަންނަނީ 60 ރުފިޔާއަށެވެ.

މި މަސް ފެށުނު އިރު ބޮޑު ކަންނެލި ކިލޯއެއް ހުރީ 45 ރުފިޔާއަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް ގަނެފައިވަނީ 35 ރުފިޔާއަށެވެ.

ބޮޑުކަންނެލި މަސްވެރިކަމުގައި ޚަރަކާތްތެރިވާ ދުވަސްވީ ކެޔޮޅަކު ބުނީ ކަންނެލި ނުބާނާ ދުވަސްވަރު އަގު މައްޗަށް ޖެއްސުމަކީ އާންމުކޮށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މަހަށް ފުރާއިރު ހުންނަ އަގެއްނޫން ކަންނެލި ބާނައިގެން އަންނަ އިރު މި ހުންނަނީ. ކަންނެއްޔަށް ފުރާއިރު 70 ރުފިޔާއަށް 80 ރުފިޔާއަށް ކިލޯއެއް ހުއްޓަސް 5 ވަރަކަށް ދުވަސްކޮށްލާފައި ކަންނެލި ބާނައިގެން ވަންނައިރު އަގު މި އޮންނަނީ 40 ރުފިޔާއަށް ވައްޓާލާފަ. އަގާ ދޭތެރޭ އެއްވެސް ޔަގީންކަމެއް ނޯވޭ. ނިކަން މި އަގު ކޮންޓްރޯލްކޮށްބަލަ. އޭރުން ޔަޤީންކަން އޮންނާނެ ދޯ އެ އަގު ލިބޭނެކަން" ކެޔޮޅު ބުންޏެވެ.

ބޮޑުލަންނެލި ގަންނަ ކުންފުނިތަކުން ބުނީ ކަންނެލި ގަންނަ އަގަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ކަންނެލީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ކަމަށެވެ. އަދި މީގެކުރިން ކަންނެލި ގަތް ބޮޑު އަގުގައި ކަންނެލި ނުގަނެވެނީ ކަންނެލި ބޭރުކުރަންދާ ޚަރަދު ބޮޑުކަމުން ކަމަށް ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން ބުނެއެވެ.

ބޮޑުކަންނެލީގެ އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިގޮތުން ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައި ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މާ ލަސްތަކެއްނުވެ ގެޒެޓް ކުރެވިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!