މަސްވެރިކަމާއި ގުޅޭ

މިފްކޯ ބޯޓުން މަސް ކިރަނީ. ފޮޓޯ: މިފްކޯ
މިފްކޯ ބޯޓުން މަސް ކިރަނީ. ފޮޓޯ: މިފްކޯ

ރާއްޖޭގައި މަސް ރައްކާކުރާ ކެޕޭސިޓީތައް އިތުރުކުރަނީ

ރާއްޖޭގައި މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް ދަނީ ދެމެހެއްޓެނިވި ގޮތެއްގައި މިމަސައްކަތް ކުރުމަށް ދަތިތަކާއި ކުރިމަތިވަމުންނެވެ. މަސް ކިރުމަށްފަހު ފައިސާ ނުލިބި އެތައް ދުވަހެއް ވުމާއި، މަސްކިރަން ގިނަ އިރުވުމުގެ އިތުރުން އެކަށީގެންވާ ވަަރަށް އައިސް ނުލިބުމަކީ މިމަސައްކަތުގައި އެންމެ ބޮޑަށް ދަތިވާ އަދި އެންމެ ކަންބޮޑުވާ މައްސަލަތަކެވެ. އަދި މަސްވެރިން ކެނޑިނޭޅި ދައްކަމުން ގެންދާ ވާހަކައެވެ.

ޚާއްސަކޮށް ކުންފުނިތަކުގައި މަސް ރައްކާކުރާނެ ކެޕޭސިޓީ ނެތުމުގެ ސަބަބުން މަސް ކިރުމުގައި ދަތިތައް ދިމާވުމަކީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ކޫއްޑޫ ބަނދަރުގައި ދޯނިތައް މަސްކިރުވަން ބަނދަރުކޮށްފައި. ފޮޓޯ: މިފްކޯ

ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިންގެ މިހުރިހާ ކަންބޮޑުވުންތަކެއް އަޑުއަހައި، މިކަންކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެފައިވަނީ، މިކަންކަން ހައްލުކުރުމަށް މިފްކޯގެ އުމްރާނީ ވަސީލަތްތައް ޒަމާނީ ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

އެގޮތުން އޮނޑިދޯނިފަހަރުގެ ސައިޒް ބޮޑުވެ، މަސްވެރިންގެ ވައްޓަފާޅި ބަދަލުވެ، އެތަށް އަހަރުތަކެއް ވީއިރުވެސް މިފްކޯގެ އިންފްރާސްޓްރަކްޗަރއަށް ކުރިއެރުން ނައިސް އޮތުމަކީ މަސްވެރިންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން މިނިސްޓަރ ވެސް ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މިކަންކަން ހައްލުކުރުމަށް މިފްކޯގެ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހޯދި މިހާރު މަސައްކަތް ފެށުމުގެ މަރުހަލާގައިވާ ކަމަށެވެ.

"މިމަސައްކަތުގެ ތެރެއިން ފެލިވަރުގައި 4000 ޓަނުގެ ސްޓޯރޭޖް އިތުރުކޮށް، ބަނދަރު ބޮޑުކޮށް މަސްގަތުމަށް ބޭނުންވާ ބްރައިންޑް ކެޕޭސިޓީ ޤާއިމްކުރެވޭނެ. މީގެއިތުރުން ކޫއްޑޫގައި އިތުރު 4000 ޓަނުގެ ސްޓޯރޭޖެއް ޤާއިމްކުރެވި، ބަނދަރު ބޮޑުކޮށް މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރެވި ބޮޑެތި މަސައްކަތްތަކެއް ކުރެވިގެންދާނެ. އަދި ގެމަނަފުށީގައި އިތުރު 50 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރެވިގެންދާނެ. ފެލިވަރުގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުވާނީ، 4000 ޓަނަށް. ހަމައެއާއި ފެލިވަރަށާއި، ކޫއްޑޫ އަދި ކަޑުއޮއްގިރިއަށްވެސް އިތުރު ކުރިއެރުންތަކެއް އަންނާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ، މަސްވެރިންނަށް މިހާރު ދިމާވާ ކަންބޮޑުވުންތައް ހައްލުކުރުމަށް ދިވެހިރާއްޖެއިން ބާނާ މަސް، ރާއްޖޭގައި ރައްކާކުރެވޭ ގޮތަށް ސިޔާސަތުތައް ބަދަލުކުރަމުންދާ ކަަމަށެވެ. އަދި ފެކްޓްރީތަކުގެ ކެޕޭސިޓީ އިތުރުކުރެވުމުން އެންމެ ބޮޑު އަމާޒަކަށްވާނީ، ދިވެހި ދޮށީގައި ބާނާ މަސް ގަނޑުކޮށްގެން ބޭރުނުކޮށް ވާނެ ގޮތެއް ހެދުން ކަމަށާއި، އެގޮތަށް ހެދިއްޖެނަމަ އޭގެ ފުރިހަމަ މަންފާ ދިވެހިންނަށް ލިބިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!