މަހުގެ އުފެއްދުންތައް ތައްޔާރުކޮށް އޭގެ ވިޔަފާރިކުރުމަކީ އާމްދަނީ ހޯދުމަށް ވަރަށް ރަނގަޅު މަސައްކަތެކެވެ.
ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ މަސްވެރިކަމުގެ ތެރެއިން އިހުޒަމާނުގައި މައިގަނޑު ގޮތެއްގައި މަހުން ތައްޔާރުކުރީ ހިކިމަހާއި ވަޅޯމަހެވެ. ޒަމާނަށް އައި ބަދަލާއެކު މަހުން އުފައްދާ ބާވަތްތައްވެސް އިތުރުވެ މަހުގެ އުފެއްދުންތައްވެސް މިވަނީ ތަފާތުވެފައެވެ. މީގެތެރެއިން އެއް ބާވަތަކީ ވެކިއުމް މަހެވެ. މިއީ ވަޅޯމަސް ގިނަ ދުވަހު ހަލާކުވެދިޔަ ނުދީ ހިފެހެއްޓުމަށް ޓެކްނޮލޮޖީގެ އެހީގައި ކުރަމުން އަންނަ ކަމެކެވެ.
ވަޅޯމަސް "ވެކިއުމް" ކުރުމަކީ މަސްކައްކާ ހިއްކައިގެން އުފައްދާ މަހުގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ބޮޮޑު ފައިދާއެއް ނެރެވޭ އެއް ބާވަތެވެ. މަސް "ވެކިއުމް" ކުރުމަކީ ކަނޑުމަސް ކެއްކުމަށްފަހު، އަލިފާން ބޭނުންކޮށްގެން ދިލަޖައްސާ ވަޅޯކޮށް ނުވަތަ ހިއްކައިގެން ކޮތަޅުގައި ބަންދުކުރުމެވެ. "ވެކިއުމް" ކުރުމުގެ މާނައަކީ އެކަމަށް ޚާއްސަ މެޝިނާއި ކޮތަޅު ބޭނުންކޮށްގެން، ކޮތަޅުގައި ހުންނަ ވައި ހުސްކޮށް މަސްބަންދުކުރުމެވެ. މި ގޮަތަށް މަސް ބަންދުކުރުމުން ގިނަދުވަހު ހަލާކުނުވެ މަސް ގެންގުޅެވެއެވެ.
ވެކިއުމް މަސް ތައްޔާރުކުރުމަށް އެންމެ ރަގަޅީ ކުދި ސައިޒުގެ މަހެއެވެ. 2 ކިލޯ ނުވަތަ 3 ކިލޯއިން ފެށިގެން ދަށުގެ ކުދިމަހަކީ ވެކިއުމް މަސް ތައްޔާރުކުރުމަށް އެންމެ އެކަށީގެންވާ ސައިޒެވެ. އެއީ ވަޅޯކުރުމަށް ނުވަތަ ހިއްކުމަށް ފަސޭހަވެފައި އަދި އެއްވަރަކަށް ރީއްޗަށް މަސްގަނޑު އަލިފާނުން ދިލަ ޖައްސާލެވޭތީއެވެ. އަދި "ވެކިއުމް" ކުރާއިރު ކުދިމަސް ބަންދުކުރުމަަަށް ފަސޭހަވެއެވެ.
ކުދިމަހުން "ވެކިއުމް" މަސް ތައްޔާރުކުރާނަމަ، މަހުގެ ކަރުގޮހޮރު ނެގުމަށްފަހު މަސް ނުކަނޑާ ކެއްކުމަކީ އެންމެ ރަގަޅުގޮތެވެ. ފަލަ މަސް ކަމުގައި ވަނީނަމަ، މަހުގެ ދެފާރާތުގެ ކިބަ ވަކިވާ ކަށިފައްޗާ ދިމާލަށް މަހުގެ ދިގަށް ވަޅިން ކުޑަކޮށް ކަފާލަންވާނެއެވެ. އެއިރުން ކައްކާ ނިމޭއިރު މަސްގަނޑު ހަލާކުނުވެ ރީތިކޮށް ބުރަކައްޓާ ވަކިކޮށްލެވޭނެއެވެ.
މަސް ކައްކަންވާނީ 1.5 ކިލޯއިން ދަށުގެ މަސްނަމަ، 90 ޑިގްރީގައި 1 ގަޑިއިރެވެ. 1.5 ކިލޯއާއި 3 ކިލޯގެ މަސްކައްކާނީ 100 ޑިގްރީގައި 1.5 ގަޑިއިރަށެވެ. އަދި އެންމެ ފަލަމަސް 100 ޑިގްރީގައި 2.5 ގަޑިއިރަށް ކައްކާށެވެ.