މަސްވެރިކަމާއި ގުޅޭ

nadheef

އުންމީދަކީ ފާނަ މަސްވެރިކަން ކުރާ ޒުވާނުންގެ އަގު ވަޒަން ކުރާތަން ފެނުން: ނަދީފް

ފާނަ މަސްވެރިކަމަކީ ޒަމާނުންސުރެ ރާއްޖޭގައި ކުރަމުން އަންނަ މަސްވެރިކަމެކެވެ. އިހު ޒަމާނުގައި މާކަނޑަށް ނުކުމެ މަސްވެރިކަން ކުރަން ބޭނުން ނުވާ މީހުންނާއި، ކަނޑުމަހަށްވުރެ ފަރުމަސް ނުވަތަ ފާނަ މީރު މީހުން ނިކަން ފޯރިއާ އެކު އާމްދަނީ ހޯދުމަށް މިފަދަ މަސްވެރިކަން ކުރިއެވެ. ޒުވާނުން އިހު ޒަމާނުގައި ވާދައަށް ނުވަތަ މަޖަލަކަށްވެސް ފާނަ މަސްވެރިކަމަށް ބައްތެލީގައި ގޮސް އުޅުނެވެ.

ނަމަވެސް ޒަމާން ބަދަލުވުމާއި އެކު، މި މަންޒަރުތައް ފެންނަލެއް މަދެވެ. އަދި ފާނަ މަސްވެރިކަމަށް ފޯރި ހުންނަ މީހުންވެސް މަދު ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ރާއްޖޭގެ މާކެޓުތަކުގައާއި ބޭރުގެ މާކެޓްތަކުގައި ފާނައަށް އޮންނަ ޑިމާންޑު ކުޑައެއް ނުވެއެވެ.

ރާއްޖޭގައި ފާނަ މަސްވެރިކަން ކުރާ ޒުވާނުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ފ. ބިލެތްދޫ ދޫރެސް އުމުރުން 26 އަހަރުގެ ނަދީފް  އިބްރާހިމް އެވެ. ނަދީފްއަކީ އާމްދަނީ ހޯދުމުގެ ގޮތުން ފާނަ މަސްވެރިކަން ކޮށް އުޅޭ ޒުވާނެކެވެ.

"މަސްވެރިން" އޮންލައިންއާ ވާހަކަ ދައްކަމުން ނަދީފް ބުނީ، އޭނާ އަކީވެސް އެހެން ޒުވާނުންނެކޭ އެއްފަދައިން ސުކޫލް ދައުރު ނިންމާލުމަށްފަހު ވަޒީފާއަކަށް ދިޔަ ޒުވާނެއް ކަމަށެވެ. ނަދީފް ބުނީ، ލިބޭ އާމްދަނީ ކުޑަވުމުގެ ސަބަބުން ވަޒީފާ ދޫކޮށް ރަށަށް އައިސް ފާނަ މަސްވެރިކަން ކުރާތާ މިހާރު ދެ އަހަރު ވެދާނެ ކަމަށެވެ.

ފާނަ މަސްވެރިކަމުން އެވްރެޖްކޮށް މަހެއްގެ މައްޗަށް 20 ހާސް ރުފިޔާ ލިބޭކަމަށް ނަދީފް ބުންޏެވެ.

އޭނާ ބުނީ ފާނަ މަސްވެރިކަން ކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަގުތައް ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމަށް އޮޑިވެރިންވެސް ރަށުގެ ކައުންސިލްއާއި، އަދި ދާއިރާގެ މެންބަރާވެސް މީގެ ކުރިން ބައްދަލުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ބައްދަލުވުންތަކުގެ މަޤްސަދު އެއްވެސް ވަރަކަކަށް ހާސިލް ނުވާ ކަމަށާއި، ކުރިއެރުމެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ނަދީފް ބުނީ، ފިޝަރީޒް މިނިސްޓްރީގެ ފަރާތުންވެސް ފާނަ މަސްވެރިކަން ކުރާ ޒުވާނުންނަށް އެއްބާރުލުން ލިބޭ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.

ނަދީފް ދޯނިމަތީގައި ރޮށި ފިހަނީ

އޭނާ ބުނީ މި ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް މިދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މިއީ މުސްތަޤްބަލެއް އޮތް ދާއިރާއެއްކަން އޭނާއަށް ޤަބޫލުކުރެވޭ ކަމަށްވެސް ނަދީފް ބުންޏެވެ.

"އަޅުގަނޑުގެ ތަޖުރިބާއިން ބުނާ ނަމަ، ސަރުކާރު ވަޒީފާއެއްގަ ހުރީމައޭ ކިޔައިފަ ފާނަ މަސްވެރިކަމަށް ނުނިކުމެ ހުންނާނެ ކަމެއް ނެތޭ، ނިކުތީމަ އިންގޭނެ މިއީ ވަރަށް ސަޅި ކަމެއް ކަން. ވަޒީފާއެއްގަ އުޅުމަށް ވުރެ ލިބޭ އާމްދަނީވެސް ރަނގަޅުވާނެ. އަދި މިއީ މުސްތަޤްބަލު ވަރަށް އުޖާލާވާނެ މަސައްކަތެއް." ނަދީފް ބުންޏެވެ.

ނަދީފް ބުނީ ކަނޑުމަތީ ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަށް ދެކި މި މަސްވެރިކަން ކުރަން ފަސް ނުޖެހޭށެވެ. އަދި ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިކަން ފަދައިން ފާނައިގެ މަސްވެރިކަމަކީވެސް އެކި ފަހަރު އެކި ވަރަށް ކުރެވޭ މަސްވެރި ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ފާނަ މަސްވެރިކަން ވެސް އެކި ފަހަރު އެކި ވަރަށް ކުރެވޭނި. ދަށްވެލާފަ ރަނގަޅުވެލާފަ، އެހެން ދެން އުޅޭނީ އާންމު ގޮތެއްގަ. އެއްވަރެއްގަ ނުހުންނާނެ ހުރިހާ ހަފްތާއަކު" ނަޒީފް ބުންޏެވެ.

ނަދީފް ބުނީ، އޭނާގެ އުންމީދަކީ މަސްވެރިންނަށް ރަނގަޅުގޮތެއް ވުން ކަމަށެވެ. އަދި ހާއްސަކޮށް ފާނަ މަސްވެރިކަން ކުރާ ޒުވާނުންގެ އަގު ވަޒަން ކުރުމެވެ. ސަރުކާރުންވެސް މަސްވެރިންނަށް ފައިދާހުރި ނިންމުންތައް ނިންމާ މަސްވެރިންނަށް ފާގަތި މާދަމައެއް ދެކެން ބޭނުންވާ ކަން އޭނާ ފާހަގަކުރި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!