މަސްވެރިކަމާއި ގުޅޭ

ފަލަގާބޯ - ފޮޓޯ: މިއުޒިއަމްސް ވިކްޓޯރިއާ

ފަލަގާބޯ

ފަލަހާބޯއަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ތިލަހިސާބުތަކުގައި އުޅޭ ގާބޯ ޢާއިލާގެ މަހެކެވެ. މިބާވަތުގެ މަސް ގިނައިން ފެނިފައި ހުންނަނީ އަޑީގައި ގާހުންނަ، ރާޅު ބިންދާ ހިސާބުތަކުންނެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. އަދި މިބާވަތް ބޭނުމަށް ނުވަތަ ހިފުމަށް އެއްވެސް ޒާތެއްގެ މަސްވެރިކަމެއްވެސް ރާއްޖެއަކު ނުއޮވެއެވެ. ނަމަވެސް ދިރޭމަސް ރާއްޖެއިން ބޭރުކުރާ ފަރާތްތަކަށް މަސްހިފާމީހުން މަދުމަދުން މިބާވަތް ހިފާދީއުޅެއެވެ. މިއީ ގާބޯގެ ގިނަބާވަތްތަކަށްވުރެ ފުޅާ، ފަލަ ހަށިގަޑެއް ލިބިފައިވާ މަހެއްކަމުން މިބާވަތަށް ވަކިނަމެއް ރާއްޖޭގައި ކިޔާނޫޅޭތީ "ފަލަގާބޯ" ކިޔާ ނަންދީފައިވަނީއެވެ. މިއީ މަހަށްކިޔާ އިނގިރޭސި ނަމާވެސް ގުޅުންހުރި ނަމެކެވެ.

މަހުގައި ގަދަ މުށިކުލައިގެ ލައްތަކަކާއި ކުރެހުންތަކެއް ކޮތަރިތަކާއެކުގައި ހުރެއެވެ. މަހުގައި ހުދުކުލައިގެ ލައްތަކެއްވެސް ހުރެއެވެ. މަހުގެ ބޮލުގައި ރަތްކުލައެއްގެ ކުދި ލައްތަކެއް ހުރެއެވެ. މަހުގެ ކާނާއަކީ ކަކުންޏާއި ކުދިމަހެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 6 މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 14 މަޑުކަށިހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 28ސެންޓިމީޓަރަށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Stocky hawkfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!