މަސްވެރިކަމާއި ގުޅޭ

ރައިވެރިމަސް - ފޮޓޯ: ނޮނާކޯ ނާޗަރ އެންސައިކްލޮޕީޑިއަރ

ރައިވެރިމަސް

ރައިވެރިމަހަކީ ޢާއްމުކޮށް ރާއްޖޭގެ ތިލަ ފަރުފަޅުތަކުގެ ބޭރުގެ މުރަކަތަކުގެ ކައިރީގައި އުޅޭ މަހެކެވެ. މިއީ ދިވެހި މަސްވެރިން ދަންނަ މަޝްހޫރުމަހެކެވެ. ރައިވެރިމަހަކީ ހަރު ހަންގަޑެއް އޮންނަ ކެއުމުގައި އަނގައަށް މީރުމަހެކެވެ. ނަމަވެސް ކަށްޓާއި ހުޅުނބުގެ ތޫނުކަމުން ވަރަށް ގިނަބަޔަކު މިމަހުގެ ބޭނުމެއް ނުކުރެއެވެ. މިބާވަތުގެ މަހުގެ ޢާއިލާގެ ތެރޭގައި ހިމެނޭ އިސްކޮޅުން އެންމެ ބޮޑު މަހަކީ މިއެވެ.

މިމަސް އެންމެ ބޮޑުވަނީ 45 ސެންޓިމީޓަރަށެވެ. ރޭގަޑުކުރާ ކެޔޮޅުކަމުގެ މަސްވެރިކަމުގައި އެއްހިސާބުގަޑަކުން ގިނަ ޢަދަދަކަށް މިބާވަތުގެ މަސްބޭނެއެވެ. ރައިވެރިމަހަކީ ހަތާތަކުގެ ނިވަލުގައި ދުވާލުގެ ވަގުތުތައް ހޭދަކުރުމަށްފަހު ރޭގަޑު ބައިބަޔަށް ނުކުމެއުޅޭ މަހެކެވެ. ރައިވެރިމަސް ގިނައިން ކައިއުޅެނީ ކަކުނިފާޑުގެ ސޫތްޕެވެ. އަދި މަދުމަދުން ކުދި މަސް ކައިއުޅެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 9 ނުވަތަ 10 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ރަތްކުލައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ ރަތްލޭކުލައިގައެވެ. އެހެނިހެން ކޮތަރިތަކުގެ ކުލައަކީ ދޮން ނާރިނގުކުލައެވެ. މަހުގެ ކަރުތާފަތުގެ މަތީގައިހުންނަ ތޫނުދިގު ކަށްޓަކީ މިމަސް ހިފައިގެން ގެންގުޅުމުގައި ވަރަށް ފަރުވާތެރިވާންޖެހޭ ކަށްޓެކެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސިނަން: Sabre squirrelfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!