އދ. މަހިބަދޫގައި އާލާކުރަމުން ގެންދާ ފާނަތަކުގެ ތެރެއިން ނީލަމަށް ލައި ވިއްކުމަށް ތައްޔާރުވެފައިވާ ފުރަތަމަ ބެޗު، ނެދަލޭންޑްސްގެ އެމްސްޓަޑޭމް އަށް ގެންދިޔުމަށް ތައްޔާރުވެއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
މަހިބަދޫގައި، ފާނަ ބޮޑު ކުރުމުގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓު މިއަހަރުގެ ޖެނުއަރީ މަހުގައި ފަށާފައިވާއިރު، މި ޕްރޮޖެކްޓަކީ، ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތަރައްގީކޮށް އިގުތިސާދު ކުރިއަރުވައި، އާމްދަނީގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން މޫދު ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމަށް، ރައްޔިތުން ޝާމިލްވާގޮތަށް ހިންގާ ޕްރޮޖެކްޓެކެވެ.
އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކްސްޕޯޓުކުރާ ފާނަތައް މާކެޓުކުރުމުގައި ކާމިޔަބުވުމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކާމިޔާބު އިތުރު ޝިޕްމެންޓްތައްވެސް މުސްތަގުބަލުގައި ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Pleased to see the cages deployed and that the first batch of auctioned groupers by ADh Mahibadhoo farmers are ready to be transferred to Amsterdam. Wishing you success in marketing the groupers. Congratulations, I look forward to more successful shipments of cultured groupers. https://t.co/PeTfsVaqPc
— Zaha Waheed (@ZahaWaheed) October 23, 2020
އެ ޕްރޮޖެކްޓުގެ ދަށުން ރަށުގެ ފަރާތްތަކުގެ މަސައްކަތުން އާލާކޮށްފައިވާ ފާނައިގެ ފުރަތަމަ ބެޗު އަންނަ ނޮވެމްބަރު މަހު އެކްސްޕޯޓު ކުރުމަށް ތައްޔާރުވެފައިވާއިރު އެ ޕްރޮޖެކްޓު މުޅި އަތޮޅަށް ފުޅާކުރުމަށް ވަނީ ނިންމާފަ އެވެ.
މަހިބަދޫގައި ބޮޑުކުރާ ފާނަތައް ކުޑައިރު ނަގައިގެން ގޮސް ރ. އަތޮޅުގައި ހުންނަ ފާނަ އާލާކުރުމަށް ހާއްސަކޮށްފައިވާ ރަށް ކަމަށްވާ ފެންފުށީގައި އެތަކެތި ބޮޑުކުރެއެވެ. އަދި އެތަކެތި އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީވެސް ފެންފުށީންނެވެ.
މަހިބަދޫއިން ގެންދާ ސްޓޮކްތަކުގެ ތެރެއިން ފާނަ 1.5 ކިލޯއާ ހަމައަށް ބޮޑުކުރުމަށްފަހު އެމްސްޓަޑޭމް އަށް ފޮނުވާނެ އެވެ. އެގޮތުން ކަލްޗާ ކޮށްފައިވާ ފާނަތަކުގެ ފުރަތަމަ ބެޗު މިއަންނަ މަހުގައި އެކްސްޕޯޓު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މޫދުކޮށީގައި ފާނަ އާލާކުރުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ކުރިއަރުވައި، ގިނަ ރައްޔިތުންނަށް އިޤްތިޞާދީ ނަފާ ލިބޭ މަސައްކަތެއްގެ ގޮތުގައި މެރިކަލްޗަރ ތަޢާރަފުކުރުމަށް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގަމުންދާ ދިގުމުއްދަތުގެ ޕްރޮގްރާމެއްގެ އެއް ގޮތްޕެވެ. ހެޗަރީގައި ފާނަ ވިއްސައި، މިތަކެތި މޫދުކޮށީގައި ބޮޑުކުރެވޭ މިންވަރަށް ބޮޑުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ މެރިކަލްޗަރ ޕްރޮގްރާމްގެ ދަށުން ކޮށްފައެވެ.


