މަސްވެރިކަމާއި ގުޅޭ

މާކަޅުއޮށް - ފޮޓޯ: ރީފްލައިފް ސާވޭ

މާކަޅުއޮށް

މާކަޅުއޮށްއަކީ ދިވެހިން ދަންނަ މަޝްހޫރު މަހެކެވެ. ރާއްޖޭގައި ކައިއުޅޭ މީރު މަހެކެވެ. މިމަސް ޢާއްމުކޮށް އުޅެނީ އަޑީގައި ވެލިހުންނަ ތިލަ ފަޅުތަކުގައި ކަމުގައިވިއަސް ގާތްގަޑަކަށް 100 މީޓަރުގެ ފުންމިނުންވެސް މިބާވަތް ރެކޯޑްކުރެވިފައިވެއެވެ. މިމަހަށް "މާކަޅުއޮށް " ކިޔާފައިވަނީ މިއީ ކަޅުއޮށުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބިޔަވާ ކަޅުއޮށްކަމަށް ވާތީއެވެ. މިމަސް އެންމެ ބޮޑުވަނީ 50 ސެންޓިމީޓަރަށެވެ. މިބާވަތުގެ ކަޅުއޮށް އެކަހެރިކޮށް ޖޯޑުޖޯޑަށް އަދި ކުދިއައިން ހަދައިގެން ވެލިގަނޑު ހާވާ ދަތުރުކުރާތަން ފެނެއެވެ. މަހުގެ ޢާއްމު ކާނާއަކީ މޫދުއަޑީގައި ވެލިގަޑުގެ ތެރޭގައި ފޮރުވިފައިތިބޭ ކަކުނިފާޑުގެ ސޫތްޕާއި ފަންޏެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 8 މަޑުކަރިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 6 މަޑުކަށިހުރެއެވެ. މަހުގެ ހަށިގަޑު ހުންނަނީ ދިގުކޮށެވެ. މަހުގެ އަނގައިގެ ތިރީގައި 2 ނަރުވާ ހުރެއެވެ.

މަހުގެ މަތީބައިގެ ކުލައަކީ ރަތް މުށިކުލައެކެވެ. މިކުލަ އަރިމަތީން ފަނޑުވެ، ބަނޑުދަށް ހުންނަނީ ހުދު ކުލައިގައެވެ. މަހުގެ ތުނބުންފެށިގެން ލޯހުރަސްކޮށް ބަނޑުދަށްފަރާތު ކޮތަރިބައި ނިމޭ ހިސާބަށް، މުށި ރަތްކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މަހުގެ ނިގޫކޮޅުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Dash-dot goatfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!