މަރާމާތަށްފަހު އަސްދާނު ދޯނި މަހަށް ފުރަނީ/ ފޮޓޯ: އަހުމަދު ރަސްނާނު
މަރާމާތަށްފަހު އަސްދާނު ދޯނި މަހަށް ފުރަނީ/ ފޮޓޯ: އަހުމަދު ރަސްނާނު

މަރާމާތަށްފަހު "އަސްދާނު" ދޯނި މަހަށް ފުރައިފި

ފަޅަށް އަގައިގެން ލިބުނު ބޮޑު ގެއްލުމަށްފަހު ދޯނި މަރާމާތުކޮށް، 2 މަހާއި 8 ދުވަސް ފަހުން ތ.ވަންދޫ އަސްދާނު ދޯނި އަލުން މަހަށް ފުރައިފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން އަސްދާނު ދޯނީގެ ކެޔޮޅު އިބްރާހިމް ނާފިޒް ބުނީ، ދޯންޏަށް ލިބުނު ގެއްލުމާ ބަލާފަ މިހާ އަވަހަށް ދޯނި މަރާމާތުކޮށް އަލުން މަހަށް ފުރޭވަރުވީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކީގަ ކަމަށެވެ.

މިއަހަރުގެ އޮގަސްޓްމަހުގެ 17 ވަނަ ދުވަހުގެ ރޭ އެގާރަ ޖަހާކަންހާއިރު މަސްބާނައިގެން ކަނޑުން ވަންނަނިކޮށް އަސްދާނު ދޯނި އަރާފައިވަނީ ވ. ރަކީދުއާއި ދިމާލުން ދެ ނޯޓިކަލް މޭލު ބޭރުން އަތޮޅުގެ މައި ތޮށިމައްޗަށެވެ.

މިހާދިސާގައި ދޯންޏަން ބޮޑެތި ގެއްލުން ތަކެެއްވިއެވެ. މިގޮތުން ދޯނީގެ އަރިމަތީ ބަނޑުފިލައިން އެކިތަންތަނުން ފަޅައިގެންގޮސް ދޯނީގެ ފަށަންވެސް ބިންދައިގެން ދިޔައެވެ. އަދި ދޯނީގެ ގެގަނޑުވެސް ފަޅައިގެން ގޮސް އިންޖީނާއި ޖަނަރޭޓަރަށްވެސް ލޮނު އެޅި، ދޯނީގެ ހިފާގެންގުޅޭ ހުރިހާ ސާމާނެއް އޮޔާ ދިޔައެވެ. މީގެ ތެރޭގައި ދޮށިތައްވެސް ހިމެނެއެވެ. ފަޅަށް އެރިތާ 2 ދުވަސްފަހުން ދޯނި ފުންކޮށްގެން ދޯނި މަރާމާތުކުރުމަށް އެހެލާފައިވަނީ ތ. ދިޔަމިގިލީގައި ހުންނަ ބޯޓްޔާރޑަށެވެ.

އަސްދާނު ދޯނި ވ.އަތޮޅުގެ މައި ތޮށި މައްޗަށް އަރާފައި. މިހާދިސާގައި ދޯންޏަށް ވަނީ ބޮޑެތިި ގެއްލުންތަކެއް ލިބިފަ

އަސްދާނު ދޯނިން 26 މަސްވެރިން މަހަށްދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!