މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް ކެޔޮޅާއި އޮޑިވެރިޔާ ޖޫރިމަނާކޮށްފިއެވެ.
މަސްވެރިން އެމްވީއަށް މިކަމާއިބެހޭ ގޮތުން މަޢުލޫމާތު ލިބުމުން ފިޝަރީޒް މިނިސްޓްރީއާއި ސުވާލުކުރުމުން މިކަން ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިން އެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި ދޯނީގެ ކެޔޮޅާއި އޮޑިވެރިޔާ ޖޫރިމަނާ ކުރީ ކަނދުފަތީގައި ވާ އެއްސުމުގެ ސަބަބުންނެވެ. މިގޮތުން ކެޔޮޅާއި އޮޑިވެރިޔާ، މިއިން ކޮންމެ ފަރާތެއް ފަސްހާސް ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިއީ މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.
"ހއ.ހަތިފުށީ ބޭރުގައި އަޅާފައިވާ ކަނދުފަތީގެ ބޮއިގައި ދޯންޏަކުން ވާ އެއްސިކަމަށް އާންމު ފަރާތަކުން މިނިސްޓްރީއަށް ހުށައެޅި ޝަކުވާއަކާ ގުޅިގެން މިނިސްޓްރީން އެކަން ބަލާ ދޯނީގެ ވެރިފަރާތުގެ އިތުރުން ކެޔޮޅަށް އެކަމުގައި ޖަވާބުދާރީ ވުމަށް މިނިސްޓްރީން ފުރުޞަތު ދިނިން. އެފަރާތްތަކުން ދިން ޖަވާބާއި މިނިސްޓްރީއަށް ލިބިފައިހުރި މަޢުލޫމާތަށް ބަލާފަ ފިޔަވަޅު އަޅާފައި އެވަނީ. ޖޫރިމަނާކުރި ކަމުގެ ނޯޓިސް މި ދެފަރާތަށްވެސް މިހާރު ވާނީ ފޮނުވާފަ." ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވިއެވެ.
މިނިސްޓްރީން މި ފިޔަވަޅު އެޅީ ދޯނީގެ ވެރިފަރާތާއި ކެޔޮޅާއި، އަދި މައްސަލަ ހުށައެޅި ފަރާތުގެ ވާހަކަތަކުން އެކަން ސާބިތުވާވަރަށް ހެކި ލިބިގެން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ވިދާޅުވީ، ދޯންޏެއް ނުވަތަ ޑިންގީއެއް ވިޔަސް ކަނދުފަތީގައި ވާ އެއްސުމުގެ ސަބަބުން އަދި އެނޫން ގޮތަކުން ވިޔަސް ކަނދުފައްޗަށް ގެއްލުމެއް ދީފިނަމަ ޖޫރިމަނާ ކުރެވޭނެކަމަށެވެ. މަސްވެރިން އެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފިޔަވަޅު އެޅީ ހއ. ހޯރަފުށީ ދޮށީގެ މަސްވެރިކަން ކުރާ ދޯންޏަކަށެވެ.
މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން ކަނދުފައްޗަށް ގެއްލުން ދިނުމާއި، ކަނދުފަތި ވަށައިގެން 3 މޭލު ސަރަހައްދުފައި ދިރޭ އެންޖަހައިގެން މަސްވެރިކަން ކުރުމާއި، ކަނދުފަތި ކައިރީގައި ވަދު ދެމުމާއި، ތާވަޅު އުކުންމާއި އަދި ކަނދުފަތީގައި ވާ އެއްސުމަކީ މަނާ ކަންކަމެވެ.
ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، އާއްމުކޮށް މަސްވެރިންގެ ލާބައާއި މަންފާއަށް އަޅާފައިވާ ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
3 Responses
jilbaabu fihaaraige beyfulhun gengulhey launch in male boyega ahsaigen ulhyethan ethanah dhaa hurihaa emnenah ves feney. Mikamaa medhu ves fiyavalhu alhan feney
Insaafu ney thanku kuraane ney
Kame
h
Salaamathehneh
.Keyolhu kuryma odiveriyaaves joorimanaa