ތ. ވަންދޫގައި އަމިއްލަ ފަރާތަކުން 50 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރަން ނިންމައިފިއެވެ.
ވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޤިޔާސް ވިދާޅުވީ، ރަށުގައި އައިސްޕްލާންޓެއް ޤާއިމްކުރުމަށް އެކަމަށް ބޭނުންވާ ބިން އަމިއްލަ ފަރާތަކަށް މިހާރު ދޫކޮށްފައިވާކަމަށެވެ. މިގޮތުން ރަށުގެ ޖެޓީއާ ދިމާލުން އުތުރުން 2000 އަކަފޫޓުގެ ބިމެއް އައިސްޕްލާންޓް ޤާއިމްކުރުމަށް ދޫކޮށްފައިވާކަމަށާއި، އެ ބިން ދޫކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި އައިސް ޕްލާންޓްގެ ޚިދުމަތް ދޭން ފަށާ ގޮތަށް ކަމަށެވެ.
"އައިސްޕްލާންޓެއް ޤާއިމްކުރުމަށް ދޫކުރި ބިން ސާފުކޮށް އެބިމުގަ ހުރި ރުއްގަހަށް މިހާރު ވަނީ ބަދަލު ވެސް ދީފަ. އެމަސައްކަތް ކުރިއަށް އެބަދޭ. ރަށުގައި އައިސްޕްލާންޓެއް ޤާއިމްކުރެވިގެން ދިއުމުން ރަށުގެ މަސްވެރިންނާއި އަތޮޅުގެ މަސްވެރިންގެ އިތުރުން ޖުމްލަކޮށް މުޅި ރާއްޖޭގެ މަސްވެރިންނަށްވެސް އޭގެ ފައިދާ ކުރާނެ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މަސްވެރިން އެމްވީއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި އައިސްޕްލާންޓް ޤާއިމްކުރަނީ އަމިއްލަ ކުންފުންޏެއް ކަމަސްވާ "ސ.ީސީ.އައި.އޭ"ގެ ފަރާތުން ނެވެ. އެކުންފުނީގެ ފަރާތުން ވަންދޫ ސައިޓާ ހަވާލުވެ ހުރި މުޙައްމަދު އިނާޒު ބުނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ. 50 ޓަނުގެ އައިސް ޕްލާންޓާއެކު 60 ޓަނުގެ އައިސް ރައްކާކުރެވޭނެ ސްޓޯރޭޖެއްވެސް ޤާއިމްކުރެވިގެންދާނެކަމަށް އޭނާ ބުންޏެވެ. މި މަޝްރޫޢުއަށް 5 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އިނާޒް ބުންޏެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުން. އަދި ހެޔޮ އަގެއްގައި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުން. މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި އައިސް ނުލިބިގެން މަސްވެރިން ވަރަށް ހާލުގަ މިހާރު އުޅެނީ. މިއަތޮޅު އައިސްޕްލާންޓެން މި ހުންނަނީ ހިރިލަންދޫ އެކަނި. އެއީ 25 ޓަނުގެ ޕްލާންޓެއް. މަސްވެރިންނަށް ބޭނުންވާ ވަރަށް އެ ޕްލާންޓުން އައިސް ނޫފެއްދޭ. މި އައިސްޕްލާންޓްގެ ޚިދުމަތް ދެވެން ފެށުމުން އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް އަންނާނެ." އިނާޒު ބުންޏެވެ.
ސީ.ސީ.އައި.އޭގެ ޗެއާމަންއަކީ ވަންދޫ "އޮއިކުރި" ދޯނީގެ ވެރިޔާ ޢިބްރާހިމް އަޙުމަދެވެ. އިބްރާހިމް އަޙުމަދަކީ ޒަމާނީ މަސްވެރިކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާ ފަރާތެކެވެ. މީގެކުރިންވެސް އިބުރާހިމް އަހުމަދު ވަނީ ވަންދޫގެ ތަރައްޤީއަށް ގިނަ ކަންތައްތައް ކޮށްދެއްވާފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އައިސް ޕްލާންޓްތައް މިހާރު ޤާއިމްކޮށްފައިވެއެވެ. ގިނަ އަތޮޅުތަކުގައި ހުރީ އެންމެ އައިސް ޕްލާންޓެކެވެ. ރާއްޖޭގައި މިހާރު ހުރި ގިނަ އައިސްޕްލާންޓް ތަކަކީ ދުވާލަކަށް 25 ޓަނުގެ އައިސް އުފެއްދޭވަރުގެ ޕްލާންޓްތަކެވެ. މިހާރު ރާއްޖޭގައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރާ ގާތަކަށްވެސް އައިސް އެއް ނޫފެއްދެއެވެ. އެހެންކަމުން ވަންދޫގައި ދުވާލަކު 50 ޓަނުގެ އައިސް އުފެއްދޭ ގޮތަށް އައިސް ޕްލާންޓެއް ޤާއިމްކުރިމަކީ މަސްވެރިންނަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.