200 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖެއް މ.އަތޮޅު މުލަކުގައި ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް އެ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރަކު ވިދާޅުވެއްޖެއެވެ.
މި މަސްރޫޢުއާ ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވީ، މި ސްޓޯރޭޖް ގެ ސަބަބުން މ. އަތޮޅުގެ މަސްވެރިންނަށާ އެ ސަރަހައްދުގައި މަސްވެރިކަން ކުރާ އުޅަނދު ފަހަރުތަކައް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެކަމަށެވެ. މި މަސައްކަތް ލަސްތަކެއްނުވެ ފެށިގެން ދާނެކަމަށާ މި މަސްރޫޢު ހިންގުމަށް މުލައް ކަނޑައެޅިފައިވަނީ ވަރަށް ގިނަގޮތްގުތުން ބެލުމަށްފަހު އެންމެ އެކަށީގެންވާ ރަށަކީ މުލައްކަމަށް ފާހަގަކުރެވޭތީކަމަށް އިކްރާމް ވިދާޅުވިއެވެ.
މި މަސްރޫއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުލަކު ދާއިރާގެ މެންބަރު އިބްރާޙިމް ނަސީރު ވިދާޅުވީ މުލަކުގައި އެއްމެ އަވަހަށް ފެށިގެންދާނެ ތަރައްޤީގެ މަސްރޫއަކީ މިއީކަމަށާއި މި މަސައްކަތް ނިމިގެންދާއިރު 50 ޓަނުގެ އައިސް ޕްލާންޓަކާއި ތެލާއި ފެން މަސްވެރިންނަށް ފަސޭހައި ލިބޭނެގޮތް ހަމަޖެހިގެން ދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ގިނަ ވަޒީފާތަކެއް އުފެދި ޒަމާނުންސުރެ މަސްވެރިކަން ކުރަމުން އަންނަ މުލަކުގެ އާބާދީ އަށާއި އަތޮޅަށް ލިބިގެންދާނެ ކުރިއެރުމެއްކަމަށް ނަސީރު ވިދާޅުވިއެވެ.
މ. އަތޮޅު ހިމެނޭ ސަރަހައްދަކީ ދެ މޫސުމުގައިވެސް މަސްވެރިކަން ރަނގަޅު ސަރަހައްދެކެވެ. އަތޮޅުގެ ދޯނި ފަހަރުގެ އިތުރުން އެހެން ސަރަހައްދުތަކުގެ ދޯނިފަހަރުވެސް މަސްވެރިކަންކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވެއެވެ. މި މަސްރޫޢު މ. މުލަކުގައި ފަށަން އުޅޭކަން ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިންގެ އެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.