މަސްވެރިކަމާއި ގުޅޭ

Yellowfin 4

ބޮޑުކަންނެލި ކިލޯއެއްގެ އަގު 45ރ އަށް ދަށްކޮށްފި

ބޮޑުކަންނެލި ކިލޯއެއްގެ އަގު 45ރ އަށް ދަށްކޮށްފިއެވެ.

މިއީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކަންނެލީގެ އަގު ދަށްކުރި ތިންވަނަ ފަހަރެވެ.

ބޮޑުކަަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ކަންނެލި ގަންނަ ބޮޑެތި ކުންފުނިތަނުން މިއަދު ކަންނެލި ކިލޯއެއް ގަންނަނީ 45 ރުފިޔާޢަށް ކަމަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް ގަންނަނީ 40 ރުފިޔާއަށެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޮޑުކަންނެލި ގަންނަ މައިގަނޑު ކުންފުނި ތަކުގެތެރޭގައި ހިމެނޭ އެންސިސް، ބިގްފިޝް އަދި ސީއެމްއެފްއިން ކަންނެލި ގަންނަ އަގުތަކެވެ.

މިމަހު 18 އިން ފެށިގެން 22 ވަނަ ދުވަހާ ހަމައަށް މި ކުންފުނިތަކުން 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއްގެ އަގު 70 ރުފިޔާއަށް ބޮޑުކުރުމަށްފަހު މިމަހުގެ 22 ވަނަ ދުވަހު ވަނީ 55 ރުފިޔާއަށް އަގު ދަށްކޮށްފަ އެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު ކަންނެލި ކިލޯއެއް 50 ރުފިޔާއަށް ދަށް ކުރިއެވެ.

ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން ބުނަނީ، އަގަށް ބަދަލު ގެންނަނީ، ރާއްޖެއިން ބޭރުގައި ކަންނެލި ގަންނަ އަގުތަކަށް ބެލުމުގެ އިތުރުން މަސް ބޭރުކުރުމަށް ދާ ޚަރަދަށް ބެލުމަށްފަހު ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ބޮޑުކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މިގޮތުން ޑްރާފްޓްކޮށް ގެޒެޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!